ގިނަގުނަ ކާތަކެތި ލިބެން ހުރި ދުނިޔެއެއްގައި އެއްވެސް މީހަކު ހައިހޫނުކަމުގައި ހުންނަން ޖެހިގެން ނުވާނެ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެއްޖެ އެވެ.

ބްރެޒިލްގެ ވެރިރަށް ރިއޯޑި ޖެނީރޯގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތިމާވެށީގެ ބޮޑު ބައްދަލުވުން "ރިއޯ 20 ޕްލަސް" ގައި ފެއްޓެވި ބަނޑުހައިހޫނު ކަމާ ދެކޮޅު ކެމްޕޭން " ޒީރޯ ހަންގަ ޗެލެންޖް" އިފްތިތާހު ކުރައްވަމުން ބާން ވިދާޅުވީ އެ ޗެލެންޖްގެ މަގުސަދަކީ އަހަރުގެ ހުރިހާ ދުވަހެއްގައި، ހުރިހާ އެންމެންނަށް ރަނގަޅު ކާނާ ލިބިދިނުމާއި މާބަނޑު މީހުންނާއި ތުއްތު ކުދިން ކާނާ މަދުވުން ނުވަތަ މަލްނިއުޓްރިޝަނުން ސަލާމަތްކުރުމާއި ހުރިހާ ކާނާގެ ނިޒާމްތަކަކީ ދެމެހެއްޓެނިވި ނިޒާމުތަކަަކަށް ހެދުމާއި ކުދި ވިޔަފާރިވެރިން ހާއްސަކޮށް އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތެރިކަމާއި އާމްދަނީ އިތުރުކުރުމާއި ކާނާ އިސްރާފުކުރުން ހުއްޓުމަކަށް ގެނައުން ކަމަށެވެ.

"[ކާނާގެ ބާވަތްތައް] ގިނައިން އޮތް ދުނިޔެއެއްގައި، އެއްވެސް މީހަކު، ހަމަ އެންމެ މީހަކުވެސް ބަނޑުހައިހޫނުކަމުގައި ހުންނަން ޖެހިގެން ނުވާނެ،" ޒީރޯ ހަންގަ ޗެެލެންޖް އިފްތިތާހު ކޮށްދެއްވަމުން ބާން ވިދާޅުވި އެވެ.

ބަނޑުހައިހޫނުކަން ނެތް މުސްތަގުބަލަކަށް މަސައްކަތް ކުރަން ބާން ދުނިޔޭގެ ގައުމުތަކަށް ގޮވާލެއްވި އެވެ.
ޒީރޯ ހަންގަ ޗެލެންޖްގެ ފައިދާތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބާން ވިދާޅުވެފައި ވަނީ އެ ކެމްޕޭންގެ ސަބަބުން އިގުތިސާދުތައް ރަނގަޅުވެ، ފަގީރުކަން ކުޑަކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ތިމާވެށި ހިމާޔަތް ކުރެވި ހަމަޖެހުމާއި ސުލްހަވެރިކަން ވެސް ހާސިލު ކުރެވޭނެ ކަމަށެވެ.