23 Jun 2012, 10:50
އަރަބި ބަހާރާ އެކު ސޫރިޔާގައި ފެށި މުޒާހަރާތައް ހަނގުރާމަކައަށް ބަދަލުވި ފަހުން އެ ގައުމުގެ އެތައް ސިފައިންނެއް ވަނީ ސަރުކާރާ ދެކޮޅުވެ، އިދިކޮޅު ފަރާތްތަކާ ގުޅިފަ އެވެ. އަދި އެމީހުން މިއަދު ތިބީ އިދިކޮޅު ހަނގުރާމަވެރިންގެ އިސްވެރިންގެ ގޮތުގައިމެ އެވެ.
ނަމަވެސް ސޫރިޔާގެ ވައިގެ ސިފައިންގެ ކޮމާންޑަރަކު އޭނާގެ ބެލުމުގެ ދަށުގައިވާ މަތިންދާބޯޓާ އެކު ފިލައިގެން ، އަވަށްޓެރި އުރުދުންއަށް ގޮސް ހިމާޔަތަށް އެދުން ވީ ސޫރިޔާގެ މަޝްރަހު ސޫރިޔާގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކަށް ލިބުނު ބޮޑު ހައިރާން ކަމަކަށެވެ. އަދި އެކަން ވެފައި ވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ޕްރޮޕަގެންޑާ ފަތުރަން ލިބުނު މޮޅު ވާހަކައަކަށެެވެ. ސަރަހައްދުގެ މަޝްރަހު ދިރާސާ ކުރާ އަސްކަރީ ތަޖުރިބާކާރުން ދެކެނީ މަތިންދާބޯޓާ އެކީ ހައްމާދީ ފިލި ހާދިސާއަކީ ވަރަށް ނުރައްކާތެރި ހާދިސާއެއް ކަމަށެވެ.
ފަރިތަކުރުމުގެ އުދުހުމެއްގައި ، މިގް -21 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓެއްްގައި މިދިޔަ ބްރާސްފަތި ދުވަހު ފުރި، ސޫރިޔާގެ ވައިގެ ސިފައިންގެ ކޮމާންޑަރު ކާނަލް ހަސަން ހައްމާދީ ފުރިފަހުން އޭނާގެ ހަބަރެއް ނުވާތީ، ސޫރިޔާ ސަރުކާރުން ވަނީ އޭނާ ގެއްލުންކަން އިއުލާންކޮށްފަ އެވެ. ހިމާޔަތަށް އެދި އުރުދުންގެ ވައިގެ ސިގައިންގެ ބޭހަކަށް ހައްމާދީ ދިޔަ ކަމާއި އޭނާ އަށް އުރުދުނުން ހިމާޔަތް ދިން ކަމުގެ ހަބަރު އިއްޔެ ވަނީ ފެތުރިފަ އެވެ. އެއާ އެކު ސޫރިޔާ ސަރުކާރުން އިއުލާންކޮށްފައި ވަނީ އޭނާއަކީ ގައުމަށް ހިޔާނާތްތެރިވި މީހެއް ކަމަށެވެ.
ކާނަލް ހަސަން ހައްމާދީ އުރުދުންއަށް ދިޔަކަން ކަށަވަރު ކޮށްދެއްވަމުން އުރުދުންގެ އިންފޮމޭޝަން މިނިސްޓަރު ސަމީހު މައތާ އިއްޔެ ވިދާޅުވެފައި ވަނީ މިގް 21 މަރުކާގެ މަތިންދާބޯޓެއްގެ ޕައިލޮޓަކު އޭނާ ދަތުރުކުރި ބޯޓް ، އުރުދުންގެ އެއާ ބޭހެއްގައި އިމަޖެންސީކޮށް ޖެއްސި ކަމަށެވެ. އަދި އެއާ އެކު ސިޔާސީ ގޮތުން ހިމާޔަތަށް އެދުނު ކަމަށާއި އުރުދުންގެ ކެބިނެޓް ބައްދަލުވުމެއް ބޭއްވުމަށް ފަހު އޭނާއަށް ހިމާޔަތް ދީފައިވާ ކަމަށް ވެސް އޭނާ އިއްޔެ ވިދާޅުވެފައިވެ އެވެ.
ހަސަން ހައްމާދީ އޭނާގެ ބެލުމުގެ ދަށުގައިވާ މަތިންދާ ބޯޓާ އެކު ގޮސްފައި ވަނީ އުރުދުންގެ ވެރިރަށް އައްމާންގެ އުތުރުން 45 މޭލު ދުރުގައިވާ މަމްފްރާގް ނަމަކަށް ކިޔާރަށުގައިވާ ކިންގް ހުސައިން އެއާބޭސްއަށެވެ.
ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގައި މިހާތަނަށް 8000 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް އަވަށްތަކެއް ވަނީ ސުންނާފަތިވެފަ އެވެ. ( ސެންފްރެންސިސްކޯ ކްރޮނިކަލްސް)