23 Jun 2012, 10:38
ދޮޅު މަހުގެ ކާޑު ގަންނަން ބޭނުންވާ ފައިސާ ވެސް ދައުލަތުގެ ރިޒާވުގައި ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ސަރުކާރުން ރައްދުދީފި އެވެ.
އުސްފަސްގަނޑުގައި ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ މިއަދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެން ޖެހޭ އެއްވެސް ހިދުމަތަކަށް ބުރޫ އަރާފާނެ ގޮތަކަށް ކާޑު އެތެރެކުރާ ވަރަށް ފައިސާ ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ވާހަކަފުޅު ދެއްކެވުމަކީ އެއީ އެމަނިކުފާނު މީޑިއާގެ ސަމާލުކަން ހޯދުމަށް ދައްކަވާ ވާހަކަތައް ކަމަށާއި ރާއްޖޭގެ ރިޒާވުގައި އަބަދުވެސް ކުރިއަށް އޮތް ތިން މަސް ދުވަހަށް ބޭނުންވާ ކާޑްގެ ބާވަތްތައް ހުންނަ ކަމަށެވެ.
އައްބާސް ވިދާޅުވީ ކާޑު ގަންނާނެ ފައިސާ ނެތް ކަމަށް ބުނެ، ރާއްޖޭގެ ރިޒާވު ބަލަހައްޓާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، އަދި މިހާތަނަށް އެއްޗެއް ބުނެފައި ނުވާ ކަމަށާއި އަދި އެފަދަ ބަޔާނެއް ވެސް ނެރެފައި ނުވާ ކަމަށެވެ.
"ކާޑު ގެންނާނެ ވަރުގެ ފައިސާ ދައުލަތުގައި ނެތް ނަމަ ކުރީގެ ރައީސް ނަޝީދުތޯ އެ ވާހަކަ އާއްމުކުރާނީ. އެމްއެމްއޭ އިން ނޫންތޯ އެ ވާހަކަ ބުނާނީ. އެއީ އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން. އެބޭފުޅާ މީޑިޔާގެ ސަމާލުކަން ހޯދުމަށް ދައްކާ ވާހަކަ އެއީ. އެހެން ނޫން ނަމަ އެފަދަ ހާލަތަކަށް ރާއްޖޭގެ ކަންކަން ވެއްޓިއްޖެ ނަމަ އެމްއެމްއޭ އިން ވެސް ބަޔާން ނެރުއްވާނެ ނުންތޯ؟،" އައްބާސް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެކުރާ ފަރާތަކީ އެސްޓީއޯ ކަމަށާއި އެސްޓިއޯ އިން އަބަދުވެސް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ކާޑު އެތެރެކޮށްފައިވާ ކަމަށާއި ރާއްޖެ އަށް ބޭނުންވާ ކާޑުގެ ބާވަތްތައް ރައްޔިތުންނަށް އަބަދުވެސް ދައުލަތުން ފޯރުކޮށްދެއްވާނެ ކަމަށެވެ.
އެރޭ ނަޝީދު ވިދާޅުވީ ރާއްޖޭގެ ރިޒާވުގައި ދޮޅު މަހަަށް ބޭނުންވާ ކާޑު އެތެރެ ކުރާނެ ފައިސާ ވެސް ނެތް ކަމަށެވެ.