އޭނާގެ އުއްމީދަކީ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެދޭ 100 ވަނަ މެޗަކީ ޔޫރޯ ފައިނަލް މެޗު ކަމަށް ހެދުން ކަމަށް ވާތުބެކް އޭޝްލީ ކޯލް ބުނެފި އެވެ.

މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް އިޓަލީއާ ދެކޮޅަށް އިނގިރޭސިން މާދަމާރޭ ކުޅޭ މެޗަކީ ކޯލްގެ 98 ވަނަ މެޗެވެ.

"އަހަރެން ވަރަށް ލަކީ 97 މެޗު ކުޅެވުނީމަ. މިހާތަނަށް ގައުމަށް ތައްޓެއް ކާމިޔާބު ކޮށްދިނުމުގެ އުފާ އަހަންނަށް ލިބިފައެއްނެތް. މިހާތަނަށް ޓީމު އޮތީ ވެސް އެފަދަ ކާމިޔާބީއަކަށް ހޯދޭ ވަރަށްވުރެ ފަހަތުގައި. އެކަމަކު މިފަހަރުގެ މުބާރާތުގައި އަދި ކަންތައްތައް މިދަނީ ވަރަށް ބަރާބަރަށް،" އާސެނަލް އަށް ކުޅުމަށް ފަހު މިހާރު ޗެލްސީ އަށް ކުޅެމުން އަންނަ ކޯލް، 31، ބުންޏެވެ.

އިނގިރޭސި ގައުމީ ޓީމާއެކު ކޯލް ބޮޑު ފަސް މުބާރާތެއްގައި މިހާތަނަށް ކުޅުނު އިރު އެންމެ ދުރަށް ދެވިފައިވަނީ ވަނީ ކުއާޓާ ފައިނަލާ ހަމައަށެވެ.

"މިއީ އަހަރެންގެ ހަތަރު ވަނަ ކުއާޓާ ފައިނަލް. އަހަރެންގެ ހުރީ ދެރަ ހަނދާންތަކެއް މުބާރާތްތަކުގެ މި ހިސާބުން. އެކަމަކު އަބަދުވެސް މަސައްކަތްކުރަން ހުރިހާ ގޮތަކުން މޮޅުވާން ދަނޑުމަތީގައި. މިފަހަރަކީ އަހަރެންގެ އުއްމީދު ހާސިލްވާނެ ފަހަރު ކަމުގައި ވަރަށް ބޮޑަށް ދެކެން. އަހަރެން މިހުރީ ވަރަށް ޔަގީންކަމާއެކު،" ފާއިތުވެދިޔަ 10 އަހަރު ގައުމީ ޓީމުގެ ވާތު ބެކްގެ ގޮތުގައި ކުޅުނު ކޯލް ބުންޏެވެ.