އިންޓަނެޓް މެދުވެރިކޮށް ކުރާ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާގައި ސައިބާ ކްރައިމް ޑިޕާޓްމަންޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ ވެބްސައިޓްތައް ހެކް ކުރުމާއި އިންޓަނެޓް މެދުވެރިކޮށް ކުރާ ބޮޑެތި ވައްކަމުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޓަކައި ސައިބާ ކްރައިމް ޑިޕާޓްމަންޓެއް އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމާ ބެހޭ ވަސީލަތްތައް ގާއިމު ކުރުމުގެ އިތުރަށް އޭގެ ކޮންސެޕްޓް ޑިވެލޮޕްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރެވެމުން އަންނަ ކަމަށާއިއެ ޔުނިޓްގެ މަސައްކަތް ކުރިއަށް އޮރް ތިން މަސްދުވަހުގެ ތެރޭގައި ފަށައިގަނެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ސްރީލަންކާ އަށާއި ތައިލޭންޑަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާކޮށް އެކަމާ ބެހޭ އެހީ ހޯދުމުގެ މަސައްކަތް ވެސް ކުރައްވާފައިވާ ކަމަށާއި އެ ޑިޕާޓްމަންޓް ގާއިމް ކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށް ނިމި ވީއެންމެ އަވަހަކަށް މަސައްކަތް ފެށޭތޯ ބައްލަވަމުން އަންނަ ކަމަށެވެ.

"ސައިބާ ކްރައިމް ޑިޕާޓްމަންޓެއް އުފެއްދުމުގެ މަސައްކަތް މިދަނީ ކުރެވެމުން. އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. އަޅުގަނޑުމެން މިހާރު މިދަނީ ކޮންސެޕްޓް ޑިވެލޮޕްކުރުމުގެ މަސައްކަތް ވެސް ކުރަމުން. އެ މަސައްކަތް ނިމި އަދި ބޭނުންވާ ހިޔުމަން ރިސޯސަސް އެކުލަވާލެވިވީ އެންމެ އަހަވަހަކަށް ފެށޭތޯ މި ބަލަނީ،" ހަނީފް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ގާނޫނެއްގެ ބޭނުންތެރިކަން ވަރަށް މުހިންމުވާތީ ސައިބަ ކްރައިމްއާ ބެހޭ ބިލެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅުމަށް ޓަކައި ބަންޑާރަ ނާއިބް އޮފީހަށް ވެސް މިހާރު ފޮނުވާފައިވާ ކަމަށެވެ.