01 Aug 2024, 08:56
އިންޑިއާގެ ފިލްމީ ތަރި ސޯނޫ ސޫދު އަލަށް ފިލްމު ޑައިރެކްޝަނަށް ނުކުންނަ ފިލްމު "ފަތޭހް" އަންނަ އަހަރު ގެނެސްދޭ ގޮތަށް ނިންމައިފިއެވެ.
ސޯނޫ ސޫދު ލީޑް ރޯލް ކުޅޭ މި ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނީ ޖެކްލީން ފެނާންޑެޒްއެވެ. މީގެ އިތުރުން މި ފިލްމުގެ ވަރަށް ހާއްސަ ރޯލަކަށް އެކްޓަރު ނަސީރުއްދީނު ޝާހު ވަނީ ދާދިފަހުން ސޮއިކޮށްފައެވެ. ސޯނޫގެ 51ވަނަ އުފަންދުވަހާ ގުޅުވައިގެން ފިލްމުގެ ޕޯސްޓަރެއް އާއްމުންނަށް ދައްކާލަމުން ފިލްމު ރިލީޒްކުރާ ތާރީޚަކީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 10އެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ފިލްމު "ދަބަންގް"، "ޖޯދާ އަކްބަރު"، "އާރު ރާޖްކުމާރު" އަދި "ދޫކުޅޫ"ގައި ދެއްކި ޕާފޮމެންސްއިން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރުގެ "ފަތޭހް" ވާނީ އަންނަ އަހަރު ރިލީޒްކުރާނެ އެންމެ ވަރުގަދަ އެކްޝަން ފިލްމަށް ކަމަށް ސޯނޫ ވަނީ ބުނެފައެވެ.

ސޯނޫ ަދި ޖެކްލީން ފިލްމު 'ފަތޭހް'ގެ ޕޯސްޓަރެއްގައި--ފޮޓޯ/ޕިންކްވިލާ
މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސައިބާ ކްރައިމް ފިލްމެކެވެ. ފިލްމުގައި ގެނެސްދޭނީ މި ޒަމާނުގައި ލިބެންހުރި އިންޓަނެޓުގެ ވަސީލަތްތަކުގެ ބޭނުންނަ ނަހަމަ ގޮތުގައި ބޭނުންކުރުމުން ގިނަ ބަޔަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން އެފަދަ މީސް މީހުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގެ މަސައްކަތް މިދިޔަ އަހަރު ނިންމާލާފައިވާއިރު ފިލްމުގެ ޓީޒާއެއް މި އަހަރުގެ ކުރީކޮޅު ސޯނޫ ވަނީ އާއްމުންނަށް ގެނެސްދީފައެވެ. މި ފިލްމަކީ ދިގު މުއްދަތަކަށްފަހު ސޯނޫ ލީޑް ރޯލްއިން ފެންނާނެ ފުރަތަމަ ފިލްމެވެ. ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ދެކުނުގެ ބައެއް ފިލްމުތަކުން ސޯނޫ ފެނިފައިވާއިރު އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2022ވަނަ އަހަރު ރިލީޒްވި އަކްޝޭ ކުމާރުގެ ފިލްމު "ސަމްރާޓް ޕްރިތުވީރާޖް"އެވެ.