ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް ފްރާންސާއި ސްޕޭން މިރޭ ބައްދަލުކުރާއިރު ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީންޒިދާން ސްޕޭނަށް ތާއީދުކޮށްފި އެވެ.

ފްރާންސަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ޒިދާނަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދި ތިން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. އޭނާ އަކީ މި ވަގުތު ސްޕޭން އެންމެ މަޝްހޫރު އެއް ކުލަބު ކަމަށްވާ ރެއާލް މެޑްރިޑުގެ އެޑްވައިޒަރެކެވެ.

އަމިއްލަ ގައުމާ ދެކޮޅަށް ސްޕޭން މިރޭ ކުޅޭ މެޗާ ބެހޭ ގޮތުން ޒިދާން ބުނީ މިރޭގެ މެޗުގައި ވެސް ފެވަރިޓުންނަކީ ސްޕޭން ކަމަށެވެ.

"އެންމެންވެސް ބުނަނީ ސްޕޭން މޮޅަށް ނުކުޅޭ ވާހަކަ ނުވަތަ ފޯވަޑަކު ނެތި ކުޅޭ ވާހަކަ. އެކަމަކު އެމީހުންނަށް އެނގޭ އެމީހުން ކުރަނީ ކޮންކަމެއްކަން އަދި އެމީހުން ކުރަން އައިސްތިބީ ކޮން ކަމެއްކަން. މި މެޗުގައި އެކަންޏެއްނޫން. މުޅި މުބާރާތުގެ ފެވަރިޓުންނަކީ ވެސް ސްޕޭން،" ޒިދާން ބުންޏެވެ.

އޭނާ މިހެން ބުނިއިރު ފްރާންސް ޓީމުގެ ކޯޗަކަށް ހުރީ ޒިދާނާއެކު ފްރާންސަށް ކުޅުނު ލޯރަން ބްލޮންކެވެ. އަދި މިވަގުތު ފްރާންސް ކުޅުންތެރިން ވެސް ތިބީ މައްސަލަތަކެއްގެ ތެރޭގަ އެވެ.