31 Jul 2024, 16:01
ސައިކަލަކާއި ޓީވީއެއް ވަގަށްނެގި ދެ މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ މިދިޔަ އާދިއްތަ ދުވަހު ހެންވޭރު ގެއަކުން ޓީވީއެއް ވަގަށްނެގި މައްސަލައެއް ފުލުހަށް ހުށަހަޅާފައި ވާކަމަށެވެ. އަދި ހަމަ އެ ގެއިން، އިއްޔެ ސައިކަލެއް ވަގަށް ނެގި މައްސަލައެއް ވެސް އެ އިދާރާއަށް ރިޕޯޓް ކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި 31 އަހަރާއި 32 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އެ ދެ މީހުން ބަންދު ކުރުމަށް އެ ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މި މީހުން ވަގަށްނެގި ސައިކަލާއި ޓީވީ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ހޯދާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ވައްކަމުގެ މައްސަލަތަށް މިހާރަކަށް އައިސް ގިނަވެފައި ވާއިރު، މީގެ ދެ ދުވަސް ކުރިން ސަލްމާން މިސްކިތުން ދަބަހެއް ވަގަށްނެގި މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.