ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް ފްރާންސާ ދެކޮޅަށް ކުޅޭ މެޗުގައި ފޯވަޑް ކުޅުންތެރިއަކު ނުލައި ޓީމު ނެގުމަށް ސްޕޭނުން ނިންމައިފި އެވެ.

ކޯޗު ވިސެންޓޭ ޑެލްބޮސްކޭ މިގޮތަށް ނިންމި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނަނީ މިހާތަނަށް ދެ ގޯލު ޖަހާފައިވާ ފެނާންޑޯ ޓޮރޭޒް މުޅިން ފޯމު އެންމެ ރަނގަޅުނުވުމާއި ސްޕޭނުގެ ގޭމް ޕްލޭނަށް އޭނާ މުޅިން ފިޓްނުވާތީ ކަމަށްވެ އެވެ. މިހެންވެ ސްޕޭން މެޗު ފަށާއިރު ތިބޭނީ ޑިފެންޑަރުންނާއި މިޑްފީލްޑަރުންގެ މައްޗަށް އެކުލެވޭ 11 ކުޅުންތެރިން ކަމަށްވެ އެވެ.

ނަމަވެސް ޑެލްބޮސްކޭ އޭނާގެ ފުރަތަމަ 11 އަދި އިއުލާނެއްނުކުރެ އެވެ.

"ފްރާންސަކީ ވަރަށް ބަލިކުރަން އުނދަގޫ ޓީމެއް. މިހެންވެ ފުރަތަމަ 11އާ މެދު ކުޑަ ޝައްކުތަކެއް އެބައުޅޭ. އަހަރެން އަދި ނުނިންމަން ފުރަތަމަ 11. މިއީ މޮޅު ކުޅުންތެރިން ހިމެނޭ ޓީމެއް. ކޮންމެ ކުޅުންތެރިއަކީ ވެސް އެމީހެއްގެ ކުލަބަށް ވެސް އެހާމެ މުހިންމު މީހެއް. ކޮންމެ ޕޮޒިޝަނަކަށް ވެސް ކުޅެވޭ ކުޅުންރެރިން ބައިވަރު އެބަތިބި. ހުރިހާ ކުޅުންތެރިން ލައްވައި ނުކުޅުވޭނެ،" ވޯލްޑްކަޕް ހޯދައިދިން ކޯޗު ބުންޏެވެ.

އޭނާ ބުނީ ސްޕޭނުން ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަމަށާއި މުބާރާތުގެ ފެވަރިޓުންނަކީ ސްޕޭން ކަމަށް ގިނަބަޔަކު ގަބޫލު ކުރަނީ އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ކަމަށެވެ.

"އެކަމަކު މާޒީ އަށް ބަލައިގެން އެއްވެސް ކަމެއް ނުނިންމޭނެ. ބަލަން ޖެހެނީ އެވަގުތަށް. ފްރާންސް ވަނީ ވަރުގަދަ މެޗުތަކެއް ކުޅެފަ. އަހަރުމެންގެ އަމިއްލަ ގޭމް ކުޅެން އިސްކަން ދޭން ޖެހޭ،" ޑެލްބޮސްކޭ ބުންޏެވެ.