31 Jul 2024, 14:47
ފިންލޭންޑު އިންޓަނޭޝަނަލް ސުކޫލުން ލެޕްޓޮޕްތަކެއް ވަގަށްނަގާ ފުލުހުންނަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިދިޔަ އަންގާރަ ދުވަހު ހެނދުނު އެ ސުކޫލަށް ދެ މީހަކު ވަދެ ވައްކަން ކުރަން އުޅުނުކަމަށެވެ. އަދި އެވަގުތު އެތަނުގައި ޑިއުޓީގައި ހުރި ފުލުހަކު އެމީހުން ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، ފުލުސް މީހާއަށް އަނިޔާ ކުރުމަށްފަހު އެ ދެ މީހުން ފިލާފައި ވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި އެމީހުން ހޯދުމަށް ކުރި މަސައްކަތުން ހޯމަ ދުވަހުގެ ރޭ ދަންވަރު އެތަނުން އެކަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އިތުރަށް ބުނީ، ފިންލޭންޑު ސުކޫލުން އެ ދެ މީހުން ވަގަށް ނެގި ތިން ލެޕްޓޮޕްގެ ތެރެއިން ދެ ލެޕްޓޮޕް ހޯދާފައި ވާކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންވެ.
ވައްކަމާ ފޭރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު، މިފަދަ މައްސަލަތައް ހައްލު ކުރުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންވެ. ނަމަވެސް، މިހާތަނަށް މިފަދަ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.