31 Jul 2024, 12:36
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު އަންނަ މަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.
އިންޑިއާގެ ވިއޮން ނޫހުގައި ރިޕޯޓުކޮށްފައި ވާގޮތުން، ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހަފުތާގެ ހުކުރު ދުވަހުއެވެ. އަދި ދެތިން ދުވަސް ރާއްޖޭގައި ހޭދަކުރައްވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުކުރެއްވުންތަކުގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ވާނެކަމަށް އެ ނޫހުން ލަފާކޮށްފައި ވެއެވެ.
މީގެއިތުރުން، ރައީސް މުއިއްޒު ވެސް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވާކަމަށް އެ ނޫހުން ވަނީ ރިޕޯޓު ކޮށްފައެވެ. ބެލެވޭ ގޮތުގައި މި ދަތުރުފުޅު ކުރައްވާނީ ސެޕްޓެމްބަރުގައި ނަމަވެސް، ރައީސްގެ ދަތުރުފުޅުގެ ތާރީޚު އަދި ޔަގީން ނުވާކަމަށް އެ ނޫހުގައި ވެއެވެ.
ރައީސް މުއިއްޒު، އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ޖައިޝަންކަރާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާފައެވެ.
މި ބައްދަލުވުމާ ގުޅިގެން އޭރު ޖައިޝަންކަރު ވިދާޅުވީ، އެ ބައްދަލުވުމުގައި ވަރަށް ގިނަ ކަންތައްތަކެއް މަޝްވަރާ ކުރެވުނު ކަމަށެވެ.
ޒަމީރު ވެސް ވަނީ މީގެ ކުރިން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވެސް މިވަގުތު ހުންނެވީ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އިންޑިއާގައެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.
އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.