ސްވިޑްން އަތުން ފްރާންސް 2-0 އިން ބަލިވުމުން ކުޅުންތެރިންގެ މެދުގައި ހޫނު ޒުވާބުތަކެއް ކުރެވިފައިވާ ކަމަށް ކޯޗު ލޯރަން ބްލޮންކް އެއްބަސްވެއްޖެ އެވެ.

މި މެޗުން ބަލިވުމުން ފްރާންސަށް ވަނީ ގްރޫޕުގެ އެއްވަނަ މަގާމު ގެއްލި ކުއާޓާ ފައިނަލުގައި ޗެމްޕިއަން ސްޕޭނާ ވާދަކުރަން ޖެހިފަ އެވެ.

ސްޕޭން މެޗިުގެ ކުރިން ބްލޮންކް ބުނީ ޓީމު ތެރޭގައި މިހާރު މައްސަލައެއްނެތް ކަމަށާއި ނަމަވެސް ކުޅުންތެރިން ރުޅިގަދަވެގެން ވަރަށް ބޮޑަށް ޒުވާބުކުރި ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ވަގުތުތަކެއް ނެގި ކަމަށާއި ނަމަވެސް މި މެޗުގެ ކުރިން ހުރިހާ ކަމެއް ވެސް ހައްލު ކުރެވިފައިވާ ކަމަށެވެ.

ފްރާންސަކީ އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރޯގައި ވެސް ކުޅުންތެރިންގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ޖެހި އެންމެ ފަހުން ކޯޗާ ކުޅުންތެރިންގެ ގުޅުން ގޯސްވެ ދެރަ ނަތިޖާތަކެއް ނެރެވުނު ޓީމެކެވެ. ނަމަވެސް މިފަހަރު އެކަންކަން ތަކުރާރުވިޔަ ނުދިނުމަށް ބްލޮންކް ހުރީ ވަރަށް ބޮޑަށް ބާރުއަޅައިގެންންނެވެ.

ސްޕޭނާ ބެހޭ ގޮތުން ބްލޮންކް ބުނީ އެއީ މުބާރާތުގެ ފެވްރިޓުން ކަމަށާއި ސްޕޭނުގެ ޕާސިން ގޭމުގެ މައްޗަށް ގަދަވެގަތުމަކީހުރިހާ ޓީމުތަކަކަށް ވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ނަމަވެސް އިޓަލީ އާއި ކްރޮއޭޝިޔާއިން ސްޕޭނާ ދެކޮޅަށް ދެއްކި ކުޅުމުން ދުނިޔޭގެ ޗެމްޕިއަނުން ބަލިކުރެވިދާނެ ކަމުގެ އުއްމީދު އާވެއްޖެ ކަމަށެވެ.