އެސުންސިޔޮން (ޖޫން 23): ގާނޫނާ ހިލާފުވުމުގެ ތުހުމަތުގައި ޕެރަގުއޭގެ ސެނެޓުން އެ ޤައުމުގެ ރައީސް ފަރނާންޑޯ ލޫގޯ، މަޤާމުން ޢަޒުލުކޮށްފި އެވެ.

ލޫގޯ މަޤާމުން ދުރުކުރުމަށް ސެނެޓުގެ އަޣްލަބިއްޔަތުން ނިންމީ ރައީސް ކަމުގެ ވާޖިބު ފުރިހަމައަށް އަދާކުރެއްވުމުގައި ލޫގޯ ފޭލްވެވަޑައިގަތުމާއި ޕެރަގުއޭގެ ޤާނޫނާ އޭނާ ޚިލާފްވެވަޑައިގަތުމުގެ ތުހުމަތުގަ އެވެ. ލޫގޯގެ މައްޗަށް ސެނެޓުން ކުރި މައިގަނޑު ތުހުމަތަކީ ޕެރަގުއޭގެ އިރުއުތުރުގައި ހިނގި ކުރިމަތިލުންތަކެއްގައި 11 ދަނޑުވެރިއަކާއި ފުލުހުންގެ ހަ މީހަކު މަރުވި މައްސަލައިގާ ޤާނޫނާ ޚިލާފު އަމުރުތަކެއް ލޫގޯ ކުރެއްވާފައިވުމާ ގުޅިގެންނެވެ.

އެ ހަމަނުޖެހުންތައް ހިނގަން މެދުވެރިވުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ފަރާތަކީ ލޯގޯ ކަމަށް ސެނެޓުގެ ތަނަވަސް އަޣްލަބިއްޔަތުން ނިންމި އެވެ. އެ މައްސަލާގައި ސެނެޓުން ލޫގޯގެ މައްޗަށް ކުރު ޝަރީޢަތެއް ހިންގުމަށް ފަހު އޭނާ ޢަޒުލުކުރުމަށް ސެނެޓުން ނިންމީ އެވެ. މި ޝަރީޢަތުގެ ލޫގޯގެ ފަރާތުން ސެނެޓްގައި ވަކާލާތުކުރެއްވި ވަކީލު ވަނީ މިއީ ސެނެޓުން ހިންގި ބަޣާވާތެއް ކަމަށް ސިފަކުރައްވައި ރައީސްކަމުން ލޫގޯ ދުރުކޮށްފައި ވަނީ ދަސްތޫރާ ޚިލާފަށް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ޕެރަގުއޭގެ ސެނެޓުން އެޤައުމުގެ ރައީސް ފަނާންޑޯ ލޫގޯ އިއްޔެ ޢަޒުލުކުރުުމުން ނައިބު ރައީސް ފެޑްރީކޯ ފްރާންކޯ ވަނީ ސެނެޓްގެ ކުރިމަތީގައި ޕެރަގުއޭގެ ރައީސް ކަމުގެ ޤާނޫނީ ހުވާކުރައްވައި ރައީސް ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންފަ އެވެ. ރައީސް ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު އައު ރައީސް، އުމުރުން 49 އަހަރުގެ ފްރާންކޯ ވަނީ ޤައުމީ އެއްބައިވަންތަކަމަށާއި ވަޙްދަތަށް ގޮވާލައްވާފަ އެވެ.

ނަމަވެސް މަޤާމުން ދުރުކުރި ރައީސް ފަރނާންޑޯ ލޫގޯ ވަނީ އޭނާ ޢަޒުލުކުރީ ދަސްތޫރާ ޚިލާފަށް އަޒުލެއް ކަމަށް ވިދާޅުވެ ޕެރަގުއޭގެ ޤާނޫނީ ރައީސަކީ އޭނާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަގުތަކަށް ނުކުމެ ސުލްޙަވެރިކަމާ އެކު އައު ސަރުކާރާ ދެކޮޅަށް އިޙްތިޖާޖް ކުރުމަށް ވެސް ލޫގޯ ވަނީ އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފަ އެވެ. މަޤާމުން ޢަޒުލުކުރެވުނު ލޫގޯގެ ރައީސް ކަމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. (ރޮއިޓާސް)