ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ރިސޯޓު މުވައްޒަފުންނަށް ހަފުތާއަކު ދެ އޮފް ދުވަސް ދިނުމަށް ކަނޑައެޅުމަށް، އެ ގަނޫނަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން، ރިސޯޓު މުވައްޒަފުން އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ އެ މީހުންނަށް ހަފުތާއަކު ދެ ދުވަސް ދޭން ޖެހޭ ކަމަށެވެ.

އަޅުގަނޑު ހުށަހަޅާލަން ބޭނުންވޭ ވަޒީފާއާ ބެހޭ ގާނޫނަށް, ހަފުތާއެކު ދެ ދުވަސް, ހާއްސަކޮށް ޓޫރިސްޓު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އޮފް ދުވަހުގެ ގޮތުގައި ކަނޑައެޅުމަށް

އިތުރަށް މި ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ، މިހާރު އެ ގާނޫނު އޮންނަ ގޮތުން، އޮފް ދުވަސް އެއްކުރުމުގެ އިޚްތިޔާރު އޮންނަނީ ވަޒީފާދޭ ފަރާތްތަކަށް ކަމަށާއި އެހެން އޮތުން ބަދަލުކޮށް، އޮފް ދުވަސް އެއްކުރެވޭ ގޮތް ހެދުން ލާޒިމް ކަމަށެވެ.

އިތުރު ގަޑީގައި މަސައްކަތް ކުރުވުނާމަ އޯޓީ ނުވަތަ އިތުރު ގަޑީގެ ފައިސާ ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާއިރު ވެސް އިތުރު ގަޑީގައި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް އެ ފައިސާ ނުދޭ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންވެ، އޭނާ ވަނީ މުވައްޒަފުން ލައްވާ އިތުރު ގަޑީގައި މަސައްކަތް ކުރުވާނަމަ އެ ފައިސާ ދިނުމަށް ގޮވާލައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވަނީ ރިސޯޓު މުވައްޒަފުންނަށް މިހާރަށް ވުރެ ގިނައިން އާއިލާ ކައިރިއަށް ދެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.