23 Jun 2012, 09:30
އިސްލާމްއާބާދު (ޖޫން 23): ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް އެ ޤައުމުގެ ކުރީގެ ވަޒީރެއް ކަމަށްވާ ރާޖާ ޕަރުވޭޒް އަޝްރަފް އެޤައުމުގެ ޕާލަމެންޓުން އިންތިޚާބުކޮށްފި އެވެ.
އަޝްރަފަކީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ ނިސްބަތްވެ ވަޑައިގަންނަވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ ސިޔާސީ ތަޖްރިބާކާރެކެވެ. އޭނާ ވަނީ ޕީޕީޕީގެ ވެރިކަމުގައި އިލެކްޓްރިކާއި ފެނުގެ ރިސޯސްތަކާ ބެހޭ ވަޒީރުކަން ކުރައްވާފަ އެވެ. ބޮޑުވަޒީރުކަމުގެ މަޤާމަށް ހަމަޖެއްސުމަށް ކުރިން ޕާލަމެންޓަށް ރައިސް ޒަރުދާރީ ހުށަހެޅުއްވީ ކުރީގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީގެ ވެރިކަމުގައި ޓެކްސްޓްޓައިލް އިންޑަސްޓްރީއާ ބެހޭ ވަޒީރުކަމުގައި ހުންނެވި މަޚްދޫމް ޝަހާބުއްދީންގެ ނަމެވެ.
ނަމަވެސް ކޮރަޕްޝަންގެ މައްސަލައެއްގައި ޝަހާބުއްދީން ހައްޔަރުކުރުމުގެ އަމުރެއް ޕާކިސްތާނުގެ ކޯޓަކުން ނެރުމުން ރައީސް ޒަރުދާރީ ވަނީ ޕާލެމެންޓަށް ފޮނުވި ޝަހާބުއްދީންގެ ނަން އަނބުރާ ގެންދަވައި ބޮޑުވަޒީރަކަށް ހަމަޖެއްސުމަށް ރާޖާ ޕަރުވޭޒް އަޝްރަފްގެ ނަން ޕާލަމެންޓަށް ފޮނުއްވާފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރަކަށް އަޝްރަފް ޕަރުވޭޒް އިންތިޚާބުވީ ޕާލަމެންޓްގެ މެންބަރުންގެ ތެރެއިން 211 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭނާ އިންތިޚާބު ކުރުމަށް ބޭނުން ވަނީ 172 މެންބަރުންގެ ވޯޓެވެ. މިމަޤާމަށް ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ނަވާޒް ޝަރީފްގެ މުސްލިމް ލީގް ޕާޓީން ވެސް ޕާލަމެންޓަށް ނަމެއް ހުށަހެޅި އެެވެ. އެ ޕާޓީން ހުށަހެޅި ކެންޑިޑޭޓަކީ މަހެތާބް ޢައްބާސީ އެވެ. ބޮޑުވަޒީރަކަށް އިންތިޚާބުވާ މިންވަރަށް ޢައްބާސީ އަށް ވޯޓު ލިބިފައެއް ނުވެ އެވެ. ޕާކިސްތާން ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮންނަނ ޒަރުދާރީގެ ޕީޕީޕީ އަށެވެ.
ޕާކިސްތާނުގެ ސްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވަޑައިގެންނެވި ކަމުގެ ކުށް ސާބިތުވެގެން އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޔޫސުފް ރިޒާ ގިލާނީ މަގާމުން ދުރުކުރުމަށް އެކޯޓުން ޙުކުމްކުރީ މީގެ ހަތަރު ދުވަސްކުރިންނެވެ. ސުރީމް ކޯޓުގެ އަމުރަށް ގީލާނީ ތަބާވެ ވަޑައިނުގަތްކަމަށް އެކޯޓުން ނިންމީ ރައީސް އާސިފް ޢަލީ ޒަރުދާރީގެ ކޮރަޕްޝަނުގެ މައްސަލައެއްގެ ފައިލް އަލުން ހުޅުވުމުގައި ސުޕްރީމް ކޯޓަށް އެހީތެރިވެދިނުމަށް އެކޯޓުން ކުރި އަމުރަކަށް އެނާ ޢަމަލު ނުކުރެއްވުމުންނެވެ.
(އަލްޖަޒީރާ)