30 Jul 2024, 14:14
އެމެރިކާގެ މުސްލިމުންނަށާއި އެ ގައުމުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާމެދު ތަފާތު ކުރުމާއި އެ މީހުންނާ ދެކޮޅަށް ހަމަލާތައް ދިން މިންވަރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 70 އިންސައްތައަށް އިތުރުވެފައިވާ ކަމަށް ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ސީއޭއައިއާރް) އިން ބުނެފިއެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮކްޓޯބަރު މަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ފެށިފަހުން މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތަކާއި ފަލަސްތީނާ ދެކޮޅު އަޑުއުފުލުމާއި، ޔަހޫދީންނާ ދެކޮޅު ފިކުރުވެސް ވަނީ އިތުރުވެފައެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މުސްލިމުންނާއި ފަލަސްތީނާ ދެކޮޅު ހާދިސާތަކުގެ 4،951 ޝަކުވާ ލިބިފައިވާ ކަމަށް ސީއޭއައިއާރު އިން ބުނެފައިވާއިރު، މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 70 އިންސައްތަ އިތުރު އަދަދެކެވެ.
ގިނައިން ހުށަހަޅައިފައި ވަނީ ހިޖުރަކުރުމާ، ރައްކާތެރިކަން، ވަޒީފާގެ ތަފާތުކުރުން، ތައުލީމީ ތަފާތުކުރުމާއި އަދި ނަފްރަތުގެ ކުށްތަކުގެ ޝަކުވާތައް ކަމަށް ސީއޭއައިއާރުން ބުނެއެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ސީއޭއައިއާރު އިން މިފަދަ 8،061 ޝަކުވާ ރެކޯޑުކޮށްފައިވާއިރު، އޭގެ ތެރޭގައި ޣައްޒާ ހަނގުރާމަ ފެށި، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ހުށަހެޅި 3،600 ޝަކުވާ ހިމެނެއެވެ.
ހަނގުރާމަ ފެށިގެން މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އެމެރިކާގައި މުސްލިމުންނާ ދެކޮޅަށް ހިންގި ބިރުވެރި ހާދިސާތަކުގެ ތެރޭގައި އޮކްޓޯބަރު މަހު އިލިނޮއިސްގައި އުމުރުން ހަ އަހަރުގެ ފަލަސްތީނު އެމެރިކާ ކުއްޖަކަށް ވަޅިން ހަމަލާދިނުމާއި، ފެބްރުއަރީ މަހު ޓެކްސަސްގައި ފަލަސްތީނު އެމެރިކާ މީހަކަށް ވަޅިން ހަމަލާދިނުމާއި، ނޮވެމްބަރު މަހު ވާމޮންޓްގައި ފަލަސްތީނު ނަސްލުގެ ތިން ދަރިވަރެއްގެ ގަޔަށް ބަޑިޖަހައި މަރާލުން ހިމެނެއެވެ. އޭގެއިތުރުން މެއި މަހު ފަލަސްތީނު-އެމެރިކާގެ ތިން އަހަރުގެ އަންހެން ކުއްޖަކު ޕޫލަކަށް ގަންބަލައި މަރައިލަން އުޅުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
އިސްރާއީލުގެ ގާތްއެކުވެރި ގައުމެއްގެ ގޮތުގައި އޮތް އެމެރިކާގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ދެކޮޅަށް ގިނަ އަދަދެއްގެ މުޒާހަރާތައްވެސް ކޮށްފައިވެއެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި މިހާތަނަށް ގާތްގަޑަކަށް 40،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ދެ މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފަލަސްތީނުގެ ރައްޔިތުން ގާތްގަނޑަކަށް މުޅި އާބާދީގެ ގެދޮރު ވަނީ ގެއްލިފައެވެ. ބަނޑުހައިހޫނުކަމުގެ ދަތިކަމާއި، ބޭސް ފަރުވާގެ ޚިދުމަތުގެ އިތުރުން އެހެނިހެން ޒަރޫރޫ ބޭނުންތައް ފުއްދޭނެ ގޮތެއްވެސް ފަލަސްތީނު ރައްޔިތުންނަކަށް ނެތެވެ.