30 Jul 2024, 11:53
ތެހެރާން (30 ޖުލައި 2024): އީރާނުން އެންމެ ބޮޑު އިސްކަމެއް ދޭނީ ދިފާއީ ބާރުތައް އިތުރަށް ވަރުގަދަ ކުރުމަށާއި އިގްތިސާދު ހަރުދަނާކުރުމަށްޓަކައި ސިނާއީ ގައުމަކަށް ވުމަށްކަމަށް އެގައުމުގެ އައު ރައީސް މަސްއޫދު ބަޒެޝްކިޔާން ވިދާޅުވެއްޖެއެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ފުރަތަމަ ޚިތާބުގައި ބަޒެޝްކިޔާން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކޭންޕޭންގައި ރައްޔިތުންނަށް ވައުދުވިގޮތަށް ދީނީ މުރުޝިދުގެ ލަފާގެ މަތިން އީރާނުގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތުތައް މުރާޖައާ ކުރައްވައި އީރާނުގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށާއި އެކަމަށް ޚާއްސަ ޕްރޮގްރާމެއް އެކުލަވާލައްވާފައިވާނެ ކަމަށެވެ.
އީރާނުގެ ރައީސް މަގާމާ ހަވާލުވުމުގެ ރަސްމިއްޔާތުގައި ފުރަތަމަ އޮތީ އެގައުމުގެ ރޫހީ ލީޑަރު އަދި ދީނީ މުރުޝިދު އާޔަތު ﷲ ޢަލީ ޚަމަނާއި އައު ރައީސްއަށް ރުހުން ދެއްވުމެވެ. އެއަށްފަހު އޮތީ ރައީސްކަމުގެ ގާނޫނީ ހުވާކުރައްވައި ރައީސްކަމާ ގާނޫނީ ގޮތުން ހަވާލުވެ ވަޑައިގަތުމެވެ. އީރާނަކީ ޑިމޮކްރަސީއެކެވެ. ނަމަވެސް އީރާނުގެ ޑިމޮކްރަސީ އޮންނަނީ ހުޅަނގުގެ ޑިމޮކްރަސީގެ ނިޒާމު އޮންނަ ގޮތަކަށް ނޫނެވެ.
އީރާނުގެ ނިޒާމު ބިނާވެފައިވަނީ އިންތިޚާބު ކުރެވޭ ގިނަ އަދަދެއްގެ މުއައްސަސާތަކެއްގެ މައްޗަށެވެ. މި މުއައްސަސާތަކުގެ ތެރޭގައި އެންމެ ބަރުގަދަ ފަރާތަކީ ރޫހީ ލީޑަރު ނުވަތަ ދީނީ މުރުޝިދެވެ. ދީނީ މުރުޝިދު އިންތިޚާބު ކުރަނީ އީރާނުގެ ދަސްތޫރު ހިމާޔަތްކުރާ މަޖިލިސްކަމަށްވާ ގާޑިއަން ކައުންސިލުންނެވެ.
ދެވަނައަށް އެންމެ ބަރުގަދަ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ރިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހާއި ސަރުކާރެވެ. މީގެތެރޭގައި ސިފައިންނާއި ފުލުހުންނާއި ގައުމުގެ އިދާރީ މުއައްސަސާތައް ހިމެނެއެވެ.
ތިންވަނައަށް އެންމެ ބާރުގަދަ މުއައްސަސާއަކީ ޕާލަމެންޓެވެ. ޕާލަމެންޓަކީ ރައްޔިތުން އިންތިޚާބުކުރާ މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. ހަތަރުވަނައަށް އެންމެ ބާރުގަދަ ފަރާތަކީ ޝަރުއީ ދާއިރާއެވެ. އެދާއިރާގައި ހިމެނޭ ކޯޓުތަކެވެ.
ފަސްވަނައަށް އެންމެ ބަރުގަދަ ފަރާތަކީ އީރާނުގެ އެލީޓް އަސްކަރީ ފޯސްކަމަށްވާ އިންގިލާބީ ލަޝްކަރެވެ. ހަވަނައަށް އެންމެ ބާރުގަދަ ފަރާތަކީ އެކްސްޕެޑިއެންސީ ޑިސާންމެންޓް ކޮންޕްލެކްސް އެވެ. ހަތްވަނައަށް އެންމެ ބާރުގަދަ ފަރާތަކީ ތަޖުރިބާކާރުންގެ މަޖިލީހެވެ.
އީރާނުގެ ޚާރިޖީ ކަންކަމާއި ދިފާއީ ކަންކަމުގެ ބޮޑު ބާރުތައް އޮންނަނީ ދީނީ މުރުޝިދުގެ އަތްޕުޅުމަތީގައެވެ. އަދި ދިފާއީ ކަންކަމުގެ ބޮޑު ބާރެއް ދީނީ މުރުޝިދުގެ އިތުރުން އިންގިލާބީ ލަޝްކަރަށްވެސް އޮވެއެވެ.
ގައުމުގެ ތަރައްގީގެ ކަންކަމާބެހޭ ބޮޑެތި ބާރުތައް އޮންނަނީ ރައީސްގެ އަތްޕުޅުގައެވެ. ގާނޫނުތައް ހެދުމުގެ ހުރިހާ ބާރެއް އޮންނަނީ ޕާލަމެންޓަށެވެ. އީރާނުގެ ރައީސްގެ ޚިތާބުގައި އިސްރާއީލުގެ އިސްތިއުމާރާއި އަނިޔާވެރިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ އެކްސިސް އޮފް ރެސިސްޓެންސް ޖަމާއަތަށް އެހީތެރިވުމާ އަދި ވާގިވެރިވުމުގައި އީރާން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އިސްރާއީލުގެ އިސްތިއުމާރާއި އަނިޔާވެރިކަމާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ އެކްސިސް އޮފް ރެސިސްޓެންސް ޖަމާއަތުގައި ހިމެނެނީ ލުބްނާނުގެ ޙިޒްބުﷲ ޖަމާއަތުގެ އިތުރުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ދެ ޖަމާއަތްކަމަށްވާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތާއި އިރާގުގެ ބައެއް ޖަމާއަތްތަކާއި ޔަމަންގެ ހޫޘީ ޖަމާއަތެވެ.
މިޖަމާއަތްތައް އުފައްދައި އިސްރާއީލާ ދެކޮޅަށް ހަތިޔާރުގެ ޖިހާދުގެ ހަރަކާތްތައް ފަށައި އަސްކަރީ ޑިޓަރެންސެއް ބިނާކުރަން ޖެހުނީ އަރަބި ރަސްމީ ނިޒާމުތަކުން (އަރަބި ގައުމުތަކުން) ފަލަސްތީނުގެ މައްސަލަ ދޫކޮށްލައި އަރަބި ގިނަ ގައުމުތަކެއް އިސްރާއީލާއެކު ގުޅުންތައް ގާއިމްކުރުމާ ގުޅިގެންނެވެ.
އެކްސިސް އޮފް ރެސިސްޓެންސް ޖަމާއަތަށް އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ވާގިވެރިވާ ގައުމަކީ އީރާނެވެ.