23 Jun 2012, 09:32
ހުކުރު ވަގުތު ބަނގުރާ ކައްކަމުންދިޔަ މީހަކު އައްޑޫ ސިޓީން ހަައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ހުކުރު ނަމާދު ވަގުތު އައްޑޫ ސިޓީގެ މަރަދޫ ކުންނާރުމާގޭ، ގިފިލި ތެރޭގައި ބަނގުރާ ކައްކަމުން ދަނިކޮށް ހައްޔަރު ކުރީ 38 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޮފިޝަލު ވިދާޅުވީ ބަނގުރާ ކައްކަމުން ދަނިކޮށް އިއްޔެ 12:00 އެހާކަންހާއިރު އެމީހާ ހައްޔަރު ކުރިއިރު ބަނގުރާ ކައްކަން އުދާފައި ހުރި ކުރައަކާއި ރާ ކައްކަން ބޭނުންކުރާ އާލާތްތަކާއި އަދި ބަނގުރާ އަޅާފައި ހުރިކަމަށް ބެލެވޭ 20 ލީޓަރުގެ ހަމެއް ވެސް އެ މީހާ އަތުން އަތުލާފައިވާ ކަމަށެވެ.
"ބަނގުރާ ކައްކަން އުދާފައި ހުރި ކުރައަކާއި ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތަކާއި 20 ލީޓަރުގެ ހަމެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެމީހާ އަދިވެސް ހުރީ ފުލުހުން ހައްޔަރުކޮށްފައި ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.