18 Aug 2010, 07:39
12:38
އެމެރިކާގެ މަޝްހޫރު ނިއުސްވީކް މެގަޒިނުން ހޮވި ދުނިޔޭގެ އެންމެ މޮޅު 10 ލީޑަރުންގެ ލިސްޓުގެ ދެވަނަ މަގާމު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފި އެވެ.
ތަފާތު ހަތަރު ބަހަކުން، އެއް މިލިއަނަށްވުރެ ގިނަ ކޮޕީ ނެރޭ ނިއުސްވީކްގެ މި ހަފްތާގެ އަދަދުގައި ހިމަނައިފައިވާ މި ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ "ސީރިއަސް" ގަދަރާއި އިއްޒަތް ލިބިވަޑައިގެންފައިވާ ލީޑަރުން ކަމަށް ބުނެފައިވެ އެވެ.
އެ ލިސްޓުގައިވާ ރައީސް ނަޝީދުގެ ޕްރޮފައިލްގައި އެމަނިކުފާނު ސިފަކޮށްފައި ވަނީ "ގްރީން ގުރޫ" ނުވަތަ "ތިމާވެށީގެ އެދުރު"ގެ ގޮތުގަ އެވެ. ރައީސް ނަޝީދަށް މި މަގާމު ދެއްވީ، ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ތަކަށް ރިއާޔަތްކޮށް ކަމަށް ވެސް ނިއުސްވީކުގައިވެ އެވެ. އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުން މޫދު އަޑީގައި މިދިޔަ އަހަރު ބޭއްވި ކެބިނެޓު ބައްދަލުވުމުން ގިނަ ބަޔެއްގެ ސަމާލުކަން ހޯދައިފައިވާ ކަމަށާއި ރާއްޖެ އެއްކޮށް ކާބަން ނިއުޓްރަލް ކުރައްވާނެ ކަމަށް އެ އަހަރު ކޯޕަންހޭގަންގައި ބޭއްވި މޫސުމާ ބެހޭ ބޮޑު ސަމިޓުގައި، ރައީސް ނަޝީދު ވިދާޅުވެ، މުއްސަނދި ގައުމުތައް ލަދުގަންނުވާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރައީސް ނަޝީދަށް މީގެ ކުރިންވެސް ވަނީ ބައިނަލް އަގްވާމީ ތަފާތު އެވޯޑުތައް ލިބިވަޑައިގެންފަ އެވެ. އެގޮތުން އ.ދ އިން ދޭ ތިމާވެށީގެ އެންމެ މަތީ އެވޯޑު ކަމުގައިވާ "ޗެޕްޕިއަންސް އޮފް އާތު" ރައީސް ނަޝީދަށް ވަނީ މިދިޔަ އޭޕްރިލް މަހު ލިބިވަޑައިގެންފަ އެވެ. އަދި ޓައިމް މެގަޒިނުން ހޮވި "ހީރޯސް އޮފް ދި އެންވާރަންމެންޓް" ގައި ހިމެނިވަޑައިގެން ރައީސް ނަޝީދު ވަނީ ވިޝަނަރީ ލީޑަރުންގެ ބައިން އެއް ވަނަ ވެސް ހޯދައިފަ އެވެ. ހަމަ އެއާކު ސްވިޑިޝް ސަރުކާރުން ދިން "އަނަ ލިންދް އެވޯޑު 2009" ވެސް ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވެ އެވެ.