އާބާދީ ބޮޑެތި ރަށްރަށުގައި ކަރަންޓުގެ ނިޒާމު ގާއިމުކޮށްފައި ހުރީ އެއްވެސް ކަހަލަ ޕެލޭނެއް ނެތި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިދިޔަ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ގިނަ މަޝްރޫތަކެއް ހުއްޓިފައި ހުރި ކަމަށާއި ކުރީ ސަރުކާރުން މަސައްކަތްކޮށްފައި ހުރީ އެއްވެސް ގޮތަކަށް އެކަމަށް އިސްކަން ދީގެން ނޫން ކަމަށް ތޯރިގް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް: ބޮޑެތި ރަށްތަކުގައި ކަރަންޓުގެ ނިޒާމު ގާއިމުކޮށްފައި ހުރީ އެއްވެސް ޕްލޭނެއް ނެތި-- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި އާބާދީ އެންމެ ބޮޑެތި ރަށްރަށުގައި ކަރަންޓުގެ ނިޒާމު އަޕްގްރޭޑް ކުރުމަށް ބޭނުންވާ މަސައްކަތްތައް ވަކި ހިސާބަކުން ހުރީ ހުއްޓިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، އައްޑޫ ސިޓީއާއި ފުވައްމުލަަކު ސިޓީއާއި ތިނަދޫ ސިޓީގެ އިތުރުން ކުޅުދުއްފުށީ ސިޓީގައި އެކަމަށް ބޭނުންވާ މަޝްރޫއުތައް ހުއްޓިފައި ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ހުރިހާ ތަނެއްގައި ވެސް މަސައްކަތްތައް ހުއްޓިފައި ހުރީ ހަމަ މެދެއްހާ ހިސާބަށް ގޮސް ހުއްޓިފައި ހުރީ. އެހެންވީމަ އެއްވެސް ކަހަލަ ޕްލޭނެއް ނެތި ފެނަކަ އެޑްމިނިސްޓެރޭޝަނުން ކުރީ ސަރުކާރުން ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްފައި ހުރީވަޒީރު ތޯރިގް އިބްރާހިމް

ވަޒީރު ތޯރިގް އިތުރަށް ވިދާޅުވީ، ރަށްރަށުގެ ކަރަންޓަށް މައްސަލަތައް ދިމާވަނީ ރަނގަޅަށް އެ ކަން ނުކުރެވި ހުރުމުން ކަމަށާއި ފެނަކައިން އެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަަ ކަމަށެވެ. މިގޮތުން، އެ ރަށްތަކުގެ ކޮންޓްރެކްޓު ބަދަލުކޮށްގެން ނުވަތަ ކުރީގެ ކޮންޓްރެކްޓަރާ ގުޅިގެން ވިޔަސް އެ މަޝްރޫއުތައް އަވަސް ކުރުމަށް ފެނަކައިން މަސައްކަތް ކުރަމުން އަންނަ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަތައް ދޭތެރެއަކުން ދިމާވާއިރު، މި މައްސަލަތައް ހައްލު ކުރުމަށް ފެނަކައިން އަަންނަނީ މަސައްކަތް ކުރަމުންނެވެ.