އިނގިރޭސިވިލާތުގެ ސައުތުޕޯޓް ޓައުންގައި ހުރި ޑާންސް ސްކޫލެއްގައި ވަޅިން ހަމަލާދީ ދެ ކުއްޖަކު މަރައިލައިފިއެވެ. އެ ހަމަލާގައި 11 މީހަކު ވަނީ ޒަޚަމްވެފައެވެ.

ޒަޚަމްވި 11 މީހުންގެ ތެރޭގައި ނުވަ ކުދިން ހިމެނޭ ކަމަށާއި އަނެއް ދެ މީހުންނަކީ ބޮޑެތި މީހުން ކަމަށް އިނގިރޭސިވިލާތުގެ ސިޓީއެއް ކަމަށްވާ، މާޒީސައިޑް ފުލުހުން ބުނެއެވެ. އަދި ބޮޑަށް ލަފާކުރެވޭގޮތުގައި ބޮޑު ދެ މީހުން ޒަޚަމްވީ ކުދިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ސައުތުޕޯޓް ޓައުން އޮންނަނީ މަޒީސައިޑްގައެވެ.

ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ ހާދިސާއަކީ ޓެރަރިޒަމާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ނުބަލާ ކަމަށާއި ޝައްކު ކުރެވޭ އިތުރު މީހަކުވެސް ނެތް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކޮން މަގްސަދެއްގައި ދިން ހަމަލާއެއް ކަމެއް ސާފުނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކޭ ސްމާޓާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެ ޚަބަރަކީ ވަރަށް ހައިރާންކަން ލިބުނު ޚަބަރެއް ކަމަށެވެ. އަދި ހާދިސާގައި ގެއްލުން ލިބުނު އެންމެންނަށާއި އާއިލާތަކަށް ތައުޒިއާ ވިދާޅުވިއެވެ.

ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ވަނީ މަރުވި ކުދިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.