ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ދާދިފަހުން ގަނެފައިވާ ލަގްޒަރީ އެޕާޓްމަންޓްގެ އަގު ހަތަރު މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ ނިއުދިއްލީގެ އެންމެ އަގުބޮޑު ސަރަޙައްދުގައި ހުރި ލަގްޒަރީ މި އެޕާޓްމަންޓަކީ ދާދިފަހުން ޝާހްރުކް ޚާން އާއި އަންހެނުން ގޯރީ ގަނެފައިވާ ޕްރޮޕަޓީހުރި އިމާރާތުގެ އެޕާޓްމަންޓެކެވެ. ފިލްމީ ރިޕޯޓުތައް ބުނާގޮތުން އާރްޔަން މި ޕްރޮޕަޓީއިން ގަނެފައި ވަނީ ލަގްޒަރީ ދެ އެޕާޓްމަންޓެވެ.

ޝާހްރުކް ޚާން އާއި ގޯރީ ޚާން ގަނެފައި ވަނީ މި ޕްރޮޕަޓީގެ ފުރަތަމަ ފަންގިފިލާ އަދި ބޭސްމެންޓެވެ. މި ޢިމާރާތަކީ ޝާހްރުކް ޚާން އާއި ގޯރީ އަލަތު ކައިވެންޏަށްފަހު ދިރިއުޅުމުގެ ގިނަ އަހަރުތަކެއް ހޭދަކުރި ޢިމާރާތެވެ. ޝާހު އާއި ގޯރީ އަކީ ވެސް ނިއު ދިއްލީއަށް ނިސްބަތްވާ ދެ މީހުން ކަމުން ނިއު ދިއްލީ އަކީ ދެ މީހުންގެ ދިރިއުޅުމުގައި ވެސް ވަރަށް ހާއްސަ މަޤާމެއް ދެވިފައިވާ ތަނެކެވެ.

އާރްޔަން ޚާން ކޮއްކޮ ސުހާނާ ޚާން އަދި އަބްރާމްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ނިއު ދިއްލީގެ ރިއަލް އެސްޓޭޓް ވިޔަފާރީގައި މަސައްކަތްކުރާ ތަޖުރިބާކާރަކު ބުނެފައިވާ ގޮތުގައި ފަހަކަށް އައިސް ނިއު ދިއްލީގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުން އަންނަ ބޮލީވުޑްގެ ތަރިން ވަރަށް މަދެވެ. ނަމަވެސް ޝާހްރުކް ޚާން ފަދަ ތަރިއަކު ނިއު ދިއްލީގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަންނާނީ އެ ތަނަކީ ވަރަށް ހާއްސަ ތަނަކަށް ވުމުން ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަރްޔާން ޚާން ބޮޑު އަގުގައި އެޕާޓްމަންޓެއް ގަނެފައިވާއިރު މިދިޔަ އަހަރުގެ ކުރީކޮޅު ކޮއްކޮ ސުހާނާ ވަނީ އިންޑިއާގެ އަލީބާގްގެ ދަނޑުވެރިކަމަށް ހާއްސަ ސަރަހައްދު ތަލް ވިލެޖުން ބިމެއް ގަނެފައެވެ. އޭގެފަހުން މި އަހަރުގެ ކުރީކޮޅު ސުހާނާ ވަނީ މުމްބާއީގެ އެންމެ އަގުބޮޑު ސަރަޙައްދުން ބީޗް ފްރޮންޓު އެޕާޓްމަންޓެއް ގަނެފައެވެ. އާރްޔަން ޚާން އަންނަނީ "ސްޓާޑަމް"ގެ ނަމުގައި ބެލުންތެރިންނަށް ގެނެސްދޭ އޭނާގެ ފުރަތަމަ ޑައިރެކްޝަން ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ.