23 Jun 2012, 09:22
މާފަންނު ގެއަކަށް ފުލުހުން ވަދެ އެ ގެ ބަލައި ފާސްކޮށް މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ޕެކެޓްތަކަކާއި ގިނަ އަދަދެއްގެ ފައިސާއާއެކު އެގޭގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މ. ޗެރީބެލްއާގެ، ބަލައިި ފާސްކުރުމަށް ފަހު ހައްޔަރުކުރީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ ދެ މީހުންނާއި 20 އަހަރުގެ ދެ މީހެއްގެ އިތުރުން 21 އަހަރުގެ މީހެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގެ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ދެ ޕެކެޓަކާއި ކުޑަ ދެ ސެލޯފިން ކޮޅާއި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި 20،500ރ. ފެނުނު ކަމަށެވެ. ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުން އެ ގެ ފާސްކުރުމަށް ފަހު، ގޭގެ ފުރާޅުމައްޗަށް ފުރާޅު ވެސް ފާސްކުރި އެވެ.
ފުލުހުން ބުނީ އެ މައްސަލައަކީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށްވާތީ އިތުރު ތަފުސީލު އަދި ދެވެން ނެތްކަމަށެވެ.
މިމަހުގެ ތެރޭގައި ފުލުހުން ވަނީ ހެންވޭރުގެ ގެއެއް ބަލައި ފާސްކޮށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއިއެކު ތިން މީހަކު ހައްޔަރު ކޮށްފަ އެވެ.