ދިވެހި ޕްރޮޑަކްޝަން ކުންފުނި "ސެޓާން ސްޓޫޑިއޯ"އާއި "ކިޑް ޕްރޮޑަކްޝަން"އިން ތަފާތު އެކި ގޮތް ގޮތަށް ޕްރޮމޯޓުކުރަމުން އަންނަ އާ ފިލްމު "ކަމަނާ"ގެ ޓިކެޓު ދޫކުރަން ފަށައިފި އެވެ.

ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ތައްޔާރުކުރަމުން އަންނަ މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓު މަހުއެވެ. އެ ގޮތުން، އޯގަސްޓު މަހުގެ 27 ގައި ފިލްމު ޕްރިމިއާކުރާއިރު ފިލްމުގެ ޓިކެޓު މިހާރު ބުކްކުރެވޭ އިރު ފިލްމުގެ ޓިކެޓުތައް ދޫކުރަން ވެސް ވަނީ ފަށާފައެވެ.

ފިލްމަށް ޓިކެޓު ނަގާފައިވާ ފަރާތްތަކުންގެ ޓިކެޓު މިހާރު އޮލިމްޕަހުގެ ކައުންޓަރުން ދޫކުރާނެއެވެ. ފިލްމުގެ ޝޯތަކުގެ ސީޓުތައް ހަލުވި ސްޕީޑެއްގައި ފުރެމުން ދާއިރު ކުރިއަށް ހުރި ޝޯތަކަށް ވެސް ޓިކެޓް ބުކް ކުރަން އޮތީ ހުޅުވާލާފައެވެ. ޓިކެޓް ބުކް ކުރުމަށް ގުޅާނީ 7458800 އަށެވެ.

މި ފިލްމަކީ އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ދައްކާލަދޭނެ ފިލްމެއް ކަމުގައި ޕްރޮޑަކްޝަން ކުންފުނިން ބުނެއެވެ.

ކަމަނާގެ ލީޑް ރޯލުން ފެންނާނީ މަރިޔަމް އައްޒަ އެވެ. އައްޒަގެ އިތުރުން ފިލްމުގެ ލީޑުން ދެން ފެންނާނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ. މި ފިލްމުގައި ކިޔައިދޭނީ ރިމްޝާއާއި ހައިދަރުގެ ވާހަކައެވެ. އައިލާއަށް އާ މެންބަރެއް ލިބެން އުޅޭ ހިސާބުން ދިމާވާ ގަބޫލުކުރަން ދަތި ކަންތައް މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމަކީ ހަގީގީ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ކަމަނާގެ އިތުރު ރޯލުތަކުން ފެނިގެންދާނީ އައިމިނަތު ރަޝްފާ (އާޝާ)އާއި މުހައްމަދު މަނިކާއި ނަތާޝާ ޖަލީލް އަދި މުހައްމަދު ރަޝީދު (ދަރާ) އެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ މިދިޔަ އަހަރު ނެރުނު ލޯބީގެ ފިލްމު "ލޯބިވެވިއްޖެ"ގެ ޕްރޮޑިއުސަރުން ޝާނިޒް އަލީ އަދި ހުސެން މުނައްވަރެވެ. ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރެވެ. މުނައްވަރު ވަނީ މީގެ ކުރިން ވެސް ދިވެހި މުޖުތަމައުގެ ތެރޭގައި ހިމެނޭ މައްސަލަތަކަށް ބަލައި އެކި ކަހަލަ ފިލްމުތައް ޑައިރެކްޓުކޮށްފައެވެ.