29 Jul 2024, 23:39

ސާފުތާހިރުކަން ކުޑަކޮށް، އިޖުތިމާއީ މިންގަނޑާ ޚިލާފަށް ބިދޭސީން ކައްކަމުން ދިޔަ ތަނެއް އިމިގްރޭޝަނުން ބަލާ ފާސްކޮށް، ހުއްޓުވައިފިއެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ވިނަރެސް ފްލެޓްގެ ފަހަތުގައިވާ އެކޮމެޑޭޝަން ބްލޮކެއްގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭކަމަށް އިމިގްރޭޝަނަށް ލިބުނު މައުލޫމާތާ ގުޅިގެން އިއްޔެ ހަވީރު އެތަން ބަލާ ފާސްކޮށްފައި ވާކަމަށެެވެ.
އަދި ޓާސްކު ފޯހުން އެ ވަގުތު އެތަނަށް ދިޔައިރު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ސައްހަ ވިސާއެއް ނެތް ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުގެ ދަށަށް ގެންދެވިފައި ވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ އެ ތަނަކީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އިޖުތިމާއީ މިންގަނޑާ މުޅިން ޚިލާފަށް، ބިދޭސީން އެމީހުންގެ ދިރިއުޅުމުގެ ކަންކަމާއި ކެއުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ތަނަކަށް ވާތީ އެކަން މިހާރު ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ވެސް ގެނެވިފައި ވާކަމަށެވެ.
ވިނަރެސް ފްލެޓްތަކުގެ ފަހަތުގައިވާ އެކޮމެޑޭޝަން ބްލޮކެއްގައި ގަވާއިދާ ޚިލާފަށް އަދި ސާފުތާހިރުކަން ކުޑަކޮށް ކެއިން ބުއިމުގެ ކަންކަން ކުރިއަށް ގެންދާތީ އާންމުންގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހުޅުމާލޭގެ ބެލެނިވެރިފަރާތް ކަމުގައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިކަމާ ގުޅިގެން ބުނީ، އެ ކޯޕަރޭޝަނަށް މިކަމުގެ ޝަކުވާ ލިބުމާއެކު އެތަން މިއަދު ސާފުކޮށްފައި ވާކަމަށެވެ.
ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މައުލޫމާތަކާ ގުޅިގެން ހުޅުމާލެއިން ތިން ބުރީގެ އިމާރާތެއް ބަލާ ފާސްކޮށް، 22 ބިދޭސީން މިދިޔަ ހޮނިހިރު ދުވަހުގެރޭ ވެސް ވަނީ އަތުލައިގެންފައެވެ. މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ އަތުލައިގެންފައި ވަނީ އެތަނުގައި ކާބޯތަކެތީގެ ވިޔަފާރި ކުރާ 22 ބިދޭސީން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ގޮތަށް އަތުލައިގަންނަ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.