އަވަސް ރިޔާސީ އިންތިހާބެއް ބާއްވަން ގޮވާލައި އެމްޑީޕީން އިއްޔެ ވެސް މާލޭގެ މަގުތަކުގައި މުޒާހަރާ ބާއްވައިފި އެވެ.

އިއްޔެ ހަވީރު 5:00 ޖެހި އިރު މުޒާހަރާ ފެށީ އުސް ފަސްގަނޑު ކައިރިންނެވެ. މާލޭގެ އެކި މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އަވަސް އިންތިހާބެއް ބޭއްވުމަށާއި މިހާރު ސަރުކާރު ބައެއް ބޭފުޅުން ހައްޔަރު ކުރުމަށް ވެސް ގޮވާލ؛ި އެވެ. މުޒާހާރާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެޑައިގެންނެވި އެވެ.

މުޒާހަރާގެ ބައިވެރިން އިއްޔެ އެއްވެސް ސަރަހައްދެއްގައި މަޑުކޮށްފައެއް ނުވެއެވެ. އަދި މުޒާހަރާގެ ބައިވެރިނާއި ސަލާމަތީ ބާރުތަކާއި ދެމެދު ކުރިމަތިލުން ތަކެއް ވެސް ހިނގާފައެއްނުވެ އެވެ.

އިއްޔެ މުޒަހަރާ ކުރިއަށް ގެންދިޔައިރު އެއްވުން މަނާ ސަރަހައްދު ތަކަށް ނުވަދޭވޭނެ ގޮތަށް ބައެއް މަގުތައް ފުލުހުންނާއި ސިފައިން ވަނީ ބަންދުކޮށްފަ އެވެ. އިއްޔެގެ މުޒާހަރާގައި ފުލުހުންގެ ބެރިކޭޑް ފަޅާލައި ފުލުހުނަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރު ވެސް ކުރި އެވެ.

އިރު އޮއްސުނު ވަގުތު މުޒާހަރާ ނިންމާލާފައިވަނީ އުސްފަސްގަނޑަށެވެ. އެންޑީޕީން ގެންދަނީ ކޮންމެ ހުކުރު ދުވަހަކު މުޒާހަރާ ބާއްވަމުންނެވެ.