އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް ހުށަހަޅާ މަައްސަލަތަކުގެ އަދާހަމަ، އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ އޮޓޮމޭޓެޑް ނިޒާމެއް މިއަދު ތައާރަފުކޮށްފިއެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް މިއަދު ވަނީ، "ލިބީ"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކޮށްދެއްވައިފައެވެ.

އޭސީސީއިން ބުނީ މި ނިޒާމުގެ ތެރެއިން މައްސަލަ ހުށަހަޅާ ހިސާބުން ފެށިގެން، މައްސަލަ ނިމެންދެން، މައްސަލާ ގުޅިގެން ކޮމިޝަނުން ކުރިއަށް ގެންދާ ކޮންމެ މަރުހަލާއެއް ފެށުމުން އަދި ނިމުމުން އެކަމުގެ އަދާހަމަ، ކާކުކަން އެނގޭގޮތަށް ފޯނު ނަމްބަރާއެކު މައްސަލަ ހުށަހަޅާ ފަރާތަކަށް، އެސްއެމްއެސް ޒަރީއާއިން ލިބެމުން ދާނެކަމަށެވެ.

އެ ނިޒާމުގެ ސަބަބުން، ކޮމިޝަނަށް ހާޒިރުނުވެ، މައްސަލައިގެ އަދާހަމަ ބެލުމަށް އިތުރު ވަގުތު ހޭދަކުރުމަކާނުލައި މައްސަލައިގެ އަދާ ހަމަ ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީގެ އިތުރުން ދައުލަތުގެ ބައެއް އިދާރާތަކުން ވެސް އަންނަނީ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮންލައިންކޮށް ޝަކުވާ ހުށަހެޅުމާއި، އެ ޝަކުވާތަކާ ގުޅިގެން ބަލާ މައްސަލަތަކުގެ ތަފުސީލުތައް ބެލުން ފަސޭހަ ކުުރުމަށް ތަފާތު ނިޒާމުތައް ތައާރަފުކޮށްފައިވެއެވެ.