29 Jul 2024, 18:56
އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހަމަނުޖެހުން އިތުރުވެފައިވާ ދަނޑިވަޅުގައި, ލުބުނާނުގެ ވެރިރަށް ބެއިރޫތު އެއާޕޯޓަށް ދާ ގިނަ ފްލައިޓްތައް ކެންސަލްކޮށްފިއެވެ.
ޖަރުމަނުވިލާތުގެ ލުފްތަންސާއިން ބުނީ އެ ގްރޫޕްގެ ކެރިއަރުން ކަމަށްވާ ސްވިސް އިންޓަނޭޝަނަލް އެއާ ލައިންސްއާއި ޔޫރޯވިންގްސް އެންޑް ލުފްތަންސާއިން ބެއިރޫތަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓްތައް މާދަމާގެ ނިޔަލަށް ކެންސަލްކޮށްފައިވާ ކަމަށެވެ.
ބެއިރޫތު އެއާޕޯޓުގެ ފްލައިޓް އިންފޮމޭޝަން ބޯޑާއި ފްލައިޓް ޓްރެކިން ވެބްސައިޓް، ފްލައިޓްޓްރާޑާ24އިން ދައްކާ ގޮތުގައި ތުރުކީވިލާތުގެ އެއާލައިންސްއިން ވެސް ވަނީ ރޭގެ ދެ ފްލައިޓެއް ކެންސަލްކޮށްފައެވެ.
ތުރުކީވިލާތުގެ ބަޖެޓް ކުންފުނި ސަންއެކްސްޕްރެސް، ގްރީސްގެ އޭޖިއަން އެއާލައިންސް، އިތިއޮޕިއަން އެއާ އަދި ލުބުނާނުގެ މިޑްލް އީސްޓް އެއާލައިން (އެމްއީއޭ) އިން ވެސް ވަނީ މިއަދު ބެއިރޫތަށް ޖައްސަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށްފައެވެ.
ނަމަވެސް އެކަމާ ގުޅިގެން އެއްވެސް އެއާލައިނަކުން މިހާތަނަށް އެއްޗެއް ބުނެފައެއްނުވެއެވެ.
ބެއިރޫތު-ރާފިކް ހަރީރީ އިންޓަނޭޝަނަލް އެއާޕޯޓަކީ ލުބުނާނުގެ ހަމައެކަނި އެއާޕޯޓެވެ.
އެއީ އެގައުމުގެ ދާޚިލީ ހަނގުރާމައިގައި އަދި މީގެ ކުރިން އިސްރާއީލާއި ހިޒްބުﷲ އާއި ދެމެދު ކުރި ހަނގުރާމަތަކުގައި ވެސް ހަމަލާތައް އަމާޒުކޮށްފައިވާ އެއާޕޯޓެކެވެ.
އިސްރާއީލުގެ ހަމަލާއެއް ލުބުނާނަށް އަމާޒުވެދާނެކަމުގެ ބިރު ހީވެފައި ވަނީ އިސްރާއީލުން ހިފާފައިވާ ގޯލާން އުސްބިންތަކުގައި އޮތް ފުޓްބޯޅަ ދަނޑަކަށް ހޮނިހިރު ދުވަހު ދިން ރޮކެޓް ހަމަލާއެއްގައި އިސްރާއީލުގެ 12 މީހުން ވަނީ މަރުވުމާ ގުޅިގެންނެވެ. އިސްރާއީލުން ބުނާ ގޮތުގައި އެ ހަމަލާ ދިނީ ހިޒްބުﷲ އިންނެވެ. ނަމަވެސް ހިޒްބުﷲ އިން އެކަން ދޮގުކުރެއެވެ. ދެ ބައިމީހުންގެ ދެމެދުގައި އޮތް އެ ހަމަނުޖެހުމުގެ ސަބަބުން ހަނގުރާމައަކަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުންވެސް ވަނީ އިތުރުވެފައެވެ.
އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ފެށި ފަހުން އިސްރާއީލާއި ހިޒްބުﷲއާއި ދެމެދުވެސް އަންނަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.