އެހެން ގައުމެއްގެ ދާޚިލީ ކަމަކާ ގުޅޭގޮތުން ރާއްޖޭގައި މުޒާހަރާކޮށް ނުވަތަ އިހުތިޖާޖުކުރުމަކީ، ގާނޫނުއަސާސީގެ ދަށުން އެކަންކަން އެގޮތަށް ކުރުމުގެ ފުރުސަތުދީގެން ވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު މިއަދު ވިދާޅުވެއްޖެއެވެ.

ހުސްނީ މިފަދައިން ވިދާޅުވިއިރު، މީގެ ދެ ހަފުތާ ކުރިން ގދ. ތިނަދޫގައި، ބަންގްލަދޭޝްގެ ދާޚިލީ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ވަނީ މުޒާހަރާއެއް ކޮށްފައެވެ. މި މުޒާހާރާއަކީ އެ ގައުމުގެ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ކުރި މުޒާހާރާއެކެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި، ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވާ ހުސްނީ ވިދާޅުވީ، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ވަރަށް ރަނގަޅަށް ރެގިއުލޭޓުކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ހުސްނީ ވަނީ ތިނަދޫގައި ބިދޭސީން ކުރި މުޒާހަރާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.

މި ފާހަގަކުރަނީ ދާދި ފަހުން ފެނިގެން ގޮސްފި ބިދޭސީ މަސައްކަތު މީހުން އެމީހުން ނިސްބަތްވާ ގައުމުގެ ދާޚިލީ ކަމަކާ ގުޅޭގޮތުން ރާއްޖޭގަ މުޒާހަރާކުރެވިގެން ދިޔަތަން. އަޅުގަނޑު ގަބޫލުކުރަނީ ގާނޫނުއަސާސީން ލިބިދޭ ހައްގަކަށް ވާތީ އެމީހުންނަށް ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖަށް ފުރުސަތުދެވޭނެ. އެހެންނަމަވެސް ވަކި ހުދޫދެއްގެ ތެރޭގަ އެކަން އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު

ހުސްނީ ވިދާޅުވީ ބިދޭސީން ވެސް މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތަކާއި، ލިބިދޭންޖެހޭ ހައްގުތަކެއް ނުދޭކަމަށް ވާނަމަ އެކަންކަމުގެ މައްޗަށް ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރުން ގާނޫނުއަސާސީގެ ދަށުން ކަށަވަރުކޮށްދޭ ކަމަށެވެ. އެހެންނަމަވެސް އެ މީހުންގެ ގައުމުގައި ހިނގަމުންދާ ދާޚިލީ ކަމަކާ ގުޅޭގޮތުން ރާއްޖޭގައި މުޒާހަރާކޮށް އިހުތިޖާޖުކޮށް، އެކަންކަން އެގޮތަށް ކުރުމުގެ ފުރުސަތު ދެވިގެންވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ހުސްނީ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ވަރަށް ނާޒުކު އިގްތިސާދެއް ކަމަށެވެ. އަދި މި ގައުމުގެ ދާޚިލީ ސަލާމަތަށް ވެސް އެކަމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ހުސްނީ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ރާއްޖޭގަ އެގޮތަށް އެހެން ގައުމެއްގެ ދާޚިލީ ކަމަކާ ގުޅޭގޮތުން ހިންގަމުންދާ އިހުތިޖާޖުގެ ކަންކަން ކުރަން ފަށައިފިކަމަށް ވާނަމަ ރާއްޖެއާ މެދު ބޭރު ދުނިޔޭގައި އެހެން މަންޒަރެއް ތަސައްވަރު ކުރެވިގެން ގޮސްދާނެ. ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ. އަޅުގަނޑުމެންގެ ސަލާމަތައް އޭގެ ސަބަބުން ނުރައްކާތަކެއް ކުރިމަތިވެދާނެ،މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު

ހުސްނީ ވިދާޅުވީ އެކަމަކީ ބިދޭސީންނަށް ގާނޫނުއަސާސީން ލިބޭ ހައްގެއް ހަނިކުރުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ހަމައެއާއެކު މުޒާހަރާކުރި ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެކަމަށް ސަރުކާރުގެ އިދާރާތަކުން ބުނުމުން ބައެއް މަދަނީ ޖަމިއްޔާތަކުން އެއީ ގާނޫނުއަސާސީން ބިދޭސީންނަށް ލިބިދޭ ހައްގެއް ހަނިކުރަނީ ކަމަށް ބުނެ ޚިޔާލުފާޅުކޮށްފައިވާކަން ވެސް ހުސްނީ ފާހަގަކުރެއްވިއެވެ.

އެކަމާ ދެކޮޅު ހައްދަވާ ހުސްނީ ވިދާޅުވީ ގާނޫނުއަސާސީގެ ތެރެއިން އެއީ ލިމިޓުކުރެވިދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މިހާރު މަޖިލީހަށް ހުށެހެޅިފައި އޮތް ބިދޭސީންގެ ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމުގައި ކޮމިޓީ މަރުހަލާގައި ވެސް އެކަން އިތުރަށް ދިރާސާކޮށް ބެލުމަށް ހުސްނީ ގޮވާލެއްވިއެވެ.

ތިނަދޫގައި ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީން މުޒާހަރާ ކުރުމުން، މުޒާހަރާ ރޭވުމުގައި ބައިވެރިވި ބަންގްލަދޭޝްގެ މަސައްކަތްތެރީން ހައްޔަރުކޮށް، ޑީޕޯޓުކުރަން ހޯމް މިނިސްޓްރީން ވަނީ މި މަހުގެ 25 ވަނަ ދުވަހު ނިންމާފައެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ، އދ.ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރުގެ 20 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ވެސް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމާއި ޖަމިއްޔާ ހެދުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި، މި ހައްގުތަކަކީ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ވެސް ލިބިފައިވާ ހައްގުތަކެއް ކަމަށާއި ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށް ވެސް ދައުލަތުގެ ހުއްދައެއް ހޯދުމަކައިނުލާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ލިބޭ ކަމަށެވެ.

ޓްރާންސްޕޭރެންސީން ވަނީ ރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ނިގުޅައިގަންނަ ގޮތަށް ވިސާގެ ޝަރުތެއް ކަނޑައެޅުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެފައެވެ.