29 Jul 2024, 09:17
މާލޭ ބުރުޒު މަގުގައި ހުރި ގެއެއްގައި ރޭ، އަލިފާނުގެ ހާދިސާ ހިނގި ވަގުތު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ރޭ ރޯވެފައި ވަނީ އޯކިޑް ޕްލާޒާ ކިޔާ، މީހުން ދިރިނޫޅޭ އިމާރާތެއްގައެވެ. ރޭ ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.
މިކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ރޯވެގެން އުޅުނު ކަމުގެ ރިޕޯޓު ފުލުހަށް ލިބިފައި ވަނީ ރޭ 03:32ގައި ކަމަށެވެ.
އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ހަމައެއާއެކު އަލިފާން ރޯވެގެން އުޅުނު ވަގުތު، މަގުމަތީގައި ހުރި މީހަކާ މާރާމާރީ ހިންގި މައްސަލައިގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގި ސަރަހައްދުން ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަރާތްތަކުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
އެ ގެ ހުންނަނީ ފަޅަށް ކަމަށްވާއިރު، މަސްތުވާތަކެތި ބޭނުންކުރާ މީހުން މަސްތުވުމަށް ޓަކައި އެ ގެއަށް ވަދެ އުޅޭ ކަމަށް، އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު މި ނޫހަށް މައުލޫމާތު ދިނެވެ.