23 Jun 2012, 08:36
ލާމަރުކަޒީ ގާނޫނުގައި ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފުޅާކޮށް ބަޔާންކޮށްފައިވެ އެވެ. މަގުތައް ހެދުމާއި މަރާމާތުކުރުމާއި ބެލެހެއްޓުމާއިސިޓީގައި ހިމެނޭ އަވަށްތައް ހިންގާ ތަރައްގީކޮށް ގާނޫނުގައިވާ ގޮތުގެ މަތިން ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމަކީ ވެސް ސިޓީ ކައުންސިލް، ގާނޫނީ ގޮތުން ކުރަން ޖެހޭ ކެމެކެވެ. ސިޔާސީ ޖަޒުބާތުގައި މެޖޯރިޓީ ބޭނުންކޮށްގެން ބައެއް ފަހަރަށް ނިންމުންތައް ނިންމި ނަމަވެސް ކައުންސިލް ނިޒާމާއެކު މާލޭ ސިޓީ ކައުންސިލްގެ "މެޝިނު" ހިނގައިގަތީ ރަނގަޅަށް ކަމަށް ބުނެވިދާނެ އެވެ. ޕްލޭންތަކާއި މަޝްރޫއުތައް ރާވައި ހިންގަން ފެށި އެވެ. ޕްރޮގްރާމްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އަޑު ގަދަވި އެވެ.
ނަމަވެސް އިންތިހާބު ކޮށްފައިވާ 11 މެންބަރުން ހިމެނިވަޑައިގަންނަވާ މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން މަސްއޫލިއްޔަތަށް ވުރެ ބޮޑަށް މިހާރު ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ އެ ކަންކަމުން ސަލާމަތް ނުވެވި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކަށްވުރެ ވަކި ޕާޓީއަކަށް ހިދުމަތް ކުރުމުގައި އަވަދި ނެތިފައިވާ ކަމަށް ގިނަ ބަޔަކު ދެކެވެ. ހާއްސަކޮށް އެމްޑީޕީގެ ވެރިކަން ވެއްޓުމާއެކުު މާލޭ ސިޓީ ކައުން ސިލަކީ ރައްޔިތުންގެ މަސްލަހަތަށް ވުރެ އެމްޑީޕީގެ މަސްލަހަތު ހިފަހައްޓައިދޭ "ކައްތިރި" އަކަށް ވެފައިވާތަން ފެންނަން ފެށި އެވެ. ކައުންސިލްގެ ގިނަ މެންބަރުން ނިސްބަތްވާ ޕާޓީއެއްގެ ވެރިކަން ބަދަލުވުމަކީ ކައުންސިލްގެ ހަގީގީ މަސައްކަތުން އެއް ފަރާތްވާންވީ ސަބަބެއް ނޫނެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވުމަށްފަހު އާ ސަރުކާރުގެ ފުރަތަމަ ދުވަހު "އެއްބާރުލުން ދޭނެ" ކަމަށް ބުނެފައި ދެވަނަ ދުވަހު "ގަބޫލު ކުރާ ސަރުކާރެއް ނޫނޭ" ބުނެ ސަރުކާރަށް ގޮންޖެހުމުގައި "މެޝިން" ހިންގުމަކީ ޔުނިޓަރީ ދައުލަތެއްގެ ސިފަތޯ ސުވާލު އުފެދެ އެވެ.
ސިޓީ ކައުންސިލުން އެމްޑީޕީގެ ހިމާޔަތުގައި މިހާތަނަށް ކޮށްފައިވާ ކަންކަމަށް ބަލާއިރު މާލޭގެ ގިނަ ބަޔަކު ހިތްފަސޭހަކޮށްލަން އޮތް ރާޅުގަނޑު ސަރަހައްދު ދިގު މުއްދަތަކަށް އެމްޑީޕީއަށް ދިނުމާއި އުސް ފަސްގަނޑު ސަރަހައްދު ދިނުމާއި އެމްޑީޕީގެ ހެވަތުގައި ފާޅުގައި ބައެއް ކަންކަމުގައި މައި ސަރުކާރާ ޖަދުލު ކުރުން ހިމެނެ އެވެ.
މީގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލިހުގެ ޖަލްސާތައް ބޭއްވުމަށާއި އެޕާޓީގެ އެކިއެކި ޕްރެސް ކޮންފަރެންސްތައް ރާވައި ދިނުމާއި އެކަން ކަމަށް ކައުންސިލުން ވަސީލަތްތަކާއި ތަންތަން ދޫކުރުމާއި އެމްޑީޕީގެ އިންތިހާބުތަކުގެ ވޯޓްލާން ކައުންސިލުގެ ހޯލު ދުކުރުން ހިމެނެ އެވެ. މިއީ ސިޓީ ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ ކަންތައް ހެއްޔެވެ؟ ހީއެއް ނުވެއެވެ.
މާލޭގެ މޭޔަރު މައިޒާން އަލިމަނިކު ދެކެ ވަޑައިގަންނަވާ ގޮތުގައި ސިޓީ ކައުންސިލް ސިޔާސީ އެއް ނުވެއެވެ. އެ ކައުންސިލުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ބަރާބަރަށް ފޯރުކޮށްދެމުން ދެއެވެ. އަދި އެއްވެސް ޕާޓީއަކަށް ނުބަލައި ހުރިހާ ޕާޓީ ތަކަށް ވެސް ހަމަހަމަގޮތުގައި އެ ކައުންސިލުގެ ތަކެތި ބޭނުންކުރެވޭނެ އެވެ. ސިޓީ ހޯލާއި ސިޓީ ކައުންސިލްގެ ތަކެތި ސިޔާސީ ޕާޓީތަކަށް ދޭން ގާނޫނީ ގޮތުން ހުރަހެއް ވެސް ނެތެވެ. ކުރިންވެސް ސިޓީ ކައުންސިލުން މާލޭގައި ޖަލްސާތައް ބާއްވަން ބިންދޫކޮށްފައިވަނީ ހަމަހަމަ އުސޫލަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން އެއްވެސް ބަޔަކަށް ޕާޓީއަކަށް ވެސް ތަފާތުކުރުން ގެންގުޅޭކަށެއް. ކޮންމެ ޕާޓިއަކުން ސިޓީ ކައުންސިލް ހޯލް ބޭނުންވެގެން ހުށައެޅިކަމުގައި ވީނަމަވެސް އެ ހޯލް އެ އޮންނަ އުސޫލެއްގެ މަތިން ދޭނަން. ސިޓީ ކައުންސިލްގެ ހޯލް ދޫކުރަން އެއްވެސް ގާނޫނީ ހުރަހެއް ނެތް،" މޭޔަރު ވިދާޅުވި އެވެ.
އަލިބެ އެހެން ވިދާޅުވާއިރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ގާއިމްކޮށްފައިވާ ކައުންސިލްތަކުގެ ތެރެއިން ބައެއް ކައުންސިލްތަކުގެ އިދާރާ އާއި ތަކެތި ސިޔާސީ ޕާޓީތަކުގެ ބޭނުންތަކަށް ދޫކުރުމުގެ ޝަކުވާ އެކި ފަރާތްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށައަޅާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. ކައުންސިލްތަކުގެ އިދާރާ އާއި ތަކެތި ސިޔާސީ ކަންކަމުގައި ދޫނުކުރަން ވެސް އެލްޖީއޭއިން ވަނީ އާންމު އިލްތިމާސެއް ނެރެފަ އެވެ.
އެލްޖީން ދެކޭ ގޮތުގައި ކައުންސިލްތަކުގެ އިދާރާތައް ސިޔާސީ ހަރަކާތްތަކަށް ބޭނުންކުރުމަކީ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ. އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ހިދުމަތްތައް ދިނުމުގައި ނޭދެވޭ އަސަރުތައް ވެސް އެއިން ނުކުމެދާނެ ކަމެކެވެ.
މޭޔަރު ވިދާޅުވި ގޮތުގައި އެލް ޖީއޭއިން އެހެން އަންގަމުން ދިޔައަސް މާލޭ ސިޓީ ކައުންސިލްގެ ސިޓީ ހޯލާއި ކައުންސިލަށް ބެލެނިވެރިކަންދީފައިވާ އެހެނިހެން ބިންތައް ސިޔާސީ ފަރާތްތަކަށް ދޫކުރުމުގައި ސިޓީ ކައުންސިލަށް ގާނޫނީ ހުރަހެއް ނެތެވެ. އެފަދަ ތަންތަން ނުދެވޭނެ ކަމަށް ގާނޫނުގައި ބުނެފައި ނުވާއިރު ކައުންސިލްގެ ހޯލާއި އެފަދަ ތަންތަން ސިޔާސީ ބޭނުން ތަކަށް ކުއްޔަށް ދިނުމަކީ އެއްވެސް މައްސަލައެއް ކަމަކަށް މޭޔަރު ގަބޫލުފުޅެއް ނުކުރައްވަ އެވެ.
"އެމްޑީޕީން ސިޓީ ކައުންސިލްގެ ހޯލުގައި ކަމެއް ބާއްވާތީ އެތަން ފެންނާތީ އަޅުގަނޑު ހައިރާނެއް ނުވޭ. އަޅުގަނޑުމެން ކަންކަން މިކުރަނީ ވަރަށް ހަމަހަމަ ކަމާއެކު މިތަނަށް ވަޑައިގެން ބައްލަވާ އަޅުގަނޑުމެން ދޫކުރަނީ ކޮން އުސޫލަކުންތޯ. އެދިފައިވާ ގޮތަށް ހޯލް 1500 ރ. ދޫކުރަނީ. އެއް ގޮތަކަށްވެސް ހިލެއަކުނޫން އެއީ. ހޯލް ކަމަށް ވިޔަސް އެހެން ތަންތަން ކަމަށް ވިޔަސް،" އަލިބެ ވިދާޅުވި އެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު އިލްހާމު އަހުމަދު ވިދާޅުވި ގޮތުގައި އެއްވެސް ޖަލްސާއެއް ބާއްވަން އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކުން އެދިގެން ބޭނުންވާ ބިމެއް ވެސް ދަރުބާރުގެ ވެސް ނުދޭ ކަމަށާއި އެގޮތަށް ހުރަސް އެޅުމުން ޖަލްސާތައް ނުބާއްވާ ދޫކޮށްލަން ވެސް ޖެހެ އެވެ.
"އެހެން ޕާޓީއަކުން ތަނެއް ބޭނުންވި ނަމަވެސް އެކަމަށް ހުރަސް އަޅާ [ސިޓީ ކައުންސިލުން] ޖެއްސުން ކުރާތަން ފެންނަނީ، ކައުންސިލްގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމަކީ އެކަން ވެގެންވާންޖެހޭ ސަބަބެއް ނޫން،" އިލްހާމް ވިދާޅުވި އެވެ.
ސަރުކާރާ ގުޅިފައިވާ ބައެއް ފަރާތްތައް ސިފަ ކުރާ ގޮތުގައި ސިޓީ ކައުންސިލްގެ ހުރިހާ ނިންމުންތަކެއް ނިންމުމުގައި ވެސް ވިސްނާފައި ހުންނަނީ އެމްޑީޕީއަށް ފައިދާ ކުރާ ގޮތަށެވެ. ހާއްސަ ގޮތެއްގައި އެމްޑީޕީގެ ސަރުކާރު ވެއްޓުމަށްފަހު އެކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައިި އެހެން ކައުންސިލްތަކަށް ނަމޫނާއަކަށް ވާންޖެހޭ މާލޭ ސިޓީ ކައުންސިލްވަނީ ގާތްގަނޑަކަށް ފޭލިވެފަ އެވެ.
"ހަމައެކަނި ކުރާ މަސައްކަތްތަކަކީ އެމްޑީޕީން ބޭނުންވާ ކަންކަން ކުރުން. އެމްޑީޕީގެ އެއްވުންތަކަށް ބުރޫނާރާނެ ގޮތަކަށް ކަންކަން ފަހިކޮށްދީ ހަމަޖައްސައިދިނުން. ކައުންސިލްގެ މެންބަރުން ކައުންސިލްގެ ދިފާއުގައި ވާހަކަފުޅު ދެއްކެވި ނަމަވެސް މާލޭގެ ރައްޔިތުންނަށް ހިދުމަތެއް ނުދެވޭ. އެކަން އެއްފަރާތްކޮށްފައި ބަލާއިރު އިރު ކައުންސިލްގެ ބެލުމުގައި ދަށުގައިވާ ބިންތައް ވަރަށް ފަސޭހައިން އެމްޑީޕީއަށް ދޫކުރަމަކީ ކުރާ ހަމައެކަނި ކަމަށް ވެފައި މިއޮތީ،" ބޭފުޅަކު ވިދާޅުވި އެވެ.
މިދިއަ ފެބްރުއަރީ މަހުގެ ތެރޭގައި ބޮޑު މަޝްރޫއެއްގެ ގޮތުގައި ކުއްލި ގޮތަކަށް ޓާމިނަލެއް އަޅަން އެމްޑީޕީން މާލޭގެ ބަނދަރު ސަރަހައްދުގައި ފެންސެއް ޖަހައި މަސައްކަތް ފަށަނީ ކަމަށާއި ފައިސާ ލިބިފައިވާ ކަމަށް އިއުލާން ކުރި އެވެ. އޭރު އެންމެވެސް ބުނަމުން ދިޔައީ އެއީ އެ ސަރަހައްދުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ފަހަތައް ޖައްސާ ރުޅައިލަން އެމްޑީޕީއަށް އެހީއެއްވުމުގެ ގޮތުން ސިޓީ ކައުންސިލުން ކުރި ކަމެއް ކަމަށެވެ. އެއީ އެނޫން ގޮތަކަށް ރައްޔިތުންނަށް ރަނގަޅަކަށް ފެށި ކަމެއް ނަމަ މިހާރު ވެސް އެކަން ނުކުރެވެންވީ ސަބަބެއް ނެތެވެ. އެކަމަކު މިހާރު ޓާމިނަލްގެ ވާހަކައެއް ކައުންސިލްގެ އެޖެންޑާގައި އޮތްހެނެއް ހީއެއް ނުވެއެވެ. އޭގެ ކުރިއަށް ޖެހިލާއިރު މަސްވެރިން މާލޭގެ މޫނުމަތިން ރަސްމީ ކުރަންޖެހޭ ހިސާބުގައި ދޯނިތައް އަޅަމުންދާތީ އެކަން ހުއްޓުވޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް މިހާރު ބޮޑު ފާލަމުގައި ކަންނެލި ދޯނި އެޅިއަސް ސިޓީ ކައުންސިލްގެ މައްސަލައެއް އޮތް ހެނެއް ހީއެއް ނުވެއެވެ.
"ސިޓީކައުންސިލް މިއަދު މިވަނީ ފެއިލްވެފައި. މާލޭގެ މަގުތަކަށް ބެލިކަމުގައިވީ ނަމަވެސް އަދި އެ މީހުންނާއި ހަވާލުކުރެވުނު މަސްއޫލިއްޔަތަށް ބެލިކަމަށް ވިޔަސް މިހާތަނަށް އެއްވެސް ކަމެއް ކުރިވިފައިވާތަނެއް ނުފެނޭ. އަޅުގަނޑުމެންނަށް ފެންނަނީ މާލޭގައި ހުރި ބިންތައް ބޭނުންވާ އެމްޑީޕީގެ މީހަކަށް ކޮންމެވެސް ޑީލެއްގެ ދަށުން ފާހާނާއެއް ހަދާށޭ ކިޔާފައި ނުވަތަ ކޮންމެވެސް އެހެން ކަމެއް ކުރާށޭ ކިޔާފައި ކެފޭ ފަދަ ތަންތަން ހަދަން ބިންދޫކުރާ މަންޒަރު،" ޕީޕީއެމްގެ އިލްހާމު ވިދާޅުވި އެވެ.
ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މާލޭ މަގުތަށް ސާފުކުރުމާއި މަގު ހެދުމާއި ބަނދަރު ސަރަހައްދު ޖެޓީ ސަރައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުންފަދަ ވަރަށް ގިނަ ކަންކަން ކައުންސިލްގެ ޒިންމާގައި އޮތް ނަމަވެސް މުޅިން ވެސް ފެންނަނީ އެމްޑީޕީގެ "ގުނަވަނަކަށް ވެގެން" އަބަދުވެސް ސިޔާސީ ގޮތުން ކަމެއް ކުރަން އުޅޭ ތަނެވެ.
"މުޒާހަރާ ރާވައި ދިނުމާއި އެއްވާން ބިން ތައްޔާރު ކޮށްދިނުމާއި އެމްޑީޕީއަށް ދިދަ ޖަހައި ދިނުމާއި ސިޔާސީ ރޭވުންތައް ރޭވުމުގައި މުޅި ކައުންސިލް މަސްއޫލްވެފައިވާތަން ފެންނަނީ، މިހާރު ލަފާވާ ގޮތުން ކައުންސިލް ވެސް އޭގެ ގޮތުގައި މަސައްކަތް ކުރާހެނެއް ހީއެއް ނުވޭ. އޭގެ ބަދަލުގައި ދެމީހަކު ތިން މީހަކު ހުރިހާ ކަމެއް އެހުރިހާ ކަމެއްގައި އުޅޭހެން ހީވަނީ،" ސިޓީ ކައުންސިލަށް ފާޑުކީ މީހަކު ބުންޏެވެ.
މާލޭގެ ސިޓީ ކައުންސިލު ސިޔާސީ ކަންކަމުގެތެރެއަށް ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ދެކޭއިރު މާލޭގެ މަގުތަށް ނުބެލެހެއްޓޭކަން އެފަރާތްތަކުން ފާހަގަކުރެ އެވެ. މާލޭގެ މަގުތަކުގައި ފެންފޯއް ރުއްތައް އިންދަން ކޮނުނު ވަޅުގަނޑުތައް ހަލާކުވެ އަދި ޕޭމަންޓު ގާތަށް ނެއްޓި ކާނުތައް ވަނީ ބެދިފަ އެވެ. ހަމަ އެހެންމެ ކައުންސިލު ވެސް ވަނީ މިސްރާބު އޮޅި ކޮޅު ބެދިފަ އެވެ.