އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިއްމު ގުނަވަން ކަމަށްވާ ކިޑްނީގެ ސިފައިގައި ހުންނަ ކިޑްނީ ބީންސްއަކީ ގިނަ ގުނަ ފައިދާތަކެއް އޭގައި އެކުލެވޭ ބާވަތެކެވެ.

މިހާރަކަށް އައިސް ދިވެހީން އިންސާފުކުރާ ބައެއް ކެއުންތަކުން ވެސް ފެންނަ ކިޑްނީ ބީންސްއަކީ އާއްމުގޮތެއްގައި ދެ ވައްތަރަކަށް ހުންނަ ފަތްޕިލާވެލީގެ ބާވަތެކެވެ. އެއީ، ތަންކޮޅެއް މަޑު ރަތް އަދި ގަދަ ރަތް ކުލައަކަށް ހުންނަ ދެ ވައްތަރެވެ.

ދެކުނު އަދި މެދު އެމެރިކާއާއި ކެރީބިއަން ކެއުންތަކުގައި މިއީ އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. ބީންސް އާއިލާގެ އެހެނިހެން ބާވަތްތަކާ ޚިލާފަށް ކިޑްނީ ބީންސްއަކީ ތަންކޮޅެއް ހަރު ބާވަތެއް ކަމުން ކެއުންތަކުގައި ބޭނުންކުރުމުގެ ކުރިން މި ބީންސް ވަރަށް ރަމގަޅަށް ކައްކާލަން ވާނެއެވެ. ރަނގަޅަށް ނުކައްކާ ނުވަތަ ރޯކޮށް ހުންނަ ކިޑްނީ ބީންސްގައި ވިހަ މާއްދާތަކެއް އެކުލެވޭނެތީ މިއީ ވަރަށް ބޮޑަށް ފަރުވާތެރިވާން ވާނެ ކަމެކެވެ.

ހަމައެއާ އެކު ކިޑްނީ ބީންސް ކެއްކުމުގެ ކުރިން ވިހި ވަރަކަށް މިނެޓު ފެނުގައި ބެހެއްޓުމަށް ފަހު ކެއްކުމުގެ ކުރިން އެ ފެންތައް އުކާލުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. ނަމަވެސް، ދަޅުގައި ބަންދުކޮށްފައި ހުންނަ ކިޑްނީ ބީންސްއަކީ ކުރިން ކައްކާފައި ހުރި ޕްރޮސެސްޑް ބާވަތެއް ކަމުން ކާން ބޭނުންކުރުމުގެ ކުރިން ކޮންމެ ވެސް ވަރަކަށް ހޫނުކޮށްލުމަށް ފަހު ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ކިޑްނީ ބީންސް އެކުލެވޭ ސެލެޑެއް--ފޮޓޯ/ޕިންޓްރެސްޓް
އެހެން ބީންސް އެކޭ އެއްގޮތަށް ކިޑްނީ ބީންސްއަކީ، ޕްރޮޓީން މަތި ތަރުކާރީއެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ނިއުޓްރީޝަނުން ލަފާދެއެވެ. އެ ގޮތުން، ދުވާލަކު މަދުވެގެން ބައިތަށި ބީންސް ކާ ނަމަ ސިއްހަތަށް އޭގެއިން ނުހަނު ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ނިއުޓްރީޝަނުން އިރުޝާދު ދެއެވެ.

އޭގެ ތެރޭގައި ހިތުގެ ދުޅަހެޔޮކަން ރަނގަޅުކޮށްދިނުން، ކޮލޯން ކެންސަރުން ހަށިގަނޑު ރައްކާތެރިކޮށްދީ ބްލަޑް ޝުގަ ކޮންޓްރޯލް ކޮށްދީ ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ.