ބައެއް ހިންދީ ފިލްމުތަކުން ވެސް ފެނިފައިވާ މަޝްހޫރު މަލަޔާލަމް އެކްޓަރު ދަލްގޫރު ސަލްމާން އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެއަށް އަތުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި ދަލްގޫރު ރާއްޖެއަށް އައިސްފައިވަނީ ސްރީލަންކަން އެއާލައިންސްއިންނެވެ.

ދަލްގޫރުގެ 40ވަނަ އުފަންދުވަސް ފާހަގަކުރަން ރާއްޖެއަށް ދަތުރުކުރުމަށް ސްރީލަންކަން އެއާލައިންސް ޚިޔާރު ކުރީތީ އެ ކަމަށް ޝުކުރު އަދާކޮށް އެ އެއާލައިނުން ވަނީ ވަރަށް ޚާއްސަ މެސެޖެއް ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ޕޯސްޓުކޮށްފައެވެ.

މީގެ އިތުރުން، އެކްޓަރުގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން އެ އެއާލައިނުގެ ފަރާތުން ބޭއްވި ޚާއްސަ ކޭކު ފެޅުމުގެ ހަފުލާގެ ފޮޓޯތައް ވެސް ވަނީ އާއްމުކޮށްފައެވެ.

ދަލްގޫރު ސަލްމާން އަންހެނުން އަދި ދަރިފުޅާ އެކު ސްރީލަންކަން އެއާލައިންސްގެ ފަރާތުން ހަދިޔާކުރި ކޭކު ފަޅަނީ--ފޮޓޯ/ސްރީލަންކަންއެއާލައިންސް

އާއިލާއާ އެކު ދަލްގޫރު ރާއްޖެއަށް އައިސްފައިވާއިރު އެކްޓަރު ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައިކަން އަދި ކަށަވަރެއްނުވެއެވެ.

ދަލްގީރު ވަނީ 2019ވަނަ އަހަރު ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ. ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ދަ ޒޯޔާ ފެކްޓާ" އަދި "ޗުޕް:ރިވެންޖް އޮފް ދި އާޓިސްޓް"ފަދަ ފިލްމުތައް ކުޅެފައިވާ ދަލްގޫރުއަކީ ސައުތު ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭ ހިމެނޭ ތަރިއެކެވެ.

ފިލްމު "ސީތާ ރަމާމް"އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑު މި އަހަރުގެ ސައުތު ފިލްމުފެއަ އެވޯޑު ހަފުލާގައި ލިބުނު އެކްޓަރު ވަނީ ދާދި ފަހުން ރިލީޒްކުރި ފިލްމު "ކަލްކީ"ގެ ވެސް މުހިއްމު ރޯލަކުން ފެނިފައެވެ. އޭނާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒްކުރާ ތެލުގޫ ފިލްމު "ލަކީ ބާސްކަރު"އިންނެވެ.