28 Jul 2024, 23:52
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު މިއަހަރު މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައި ވާކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްްޖެއެވެ.
އާޒިމް މިހެން ވިދާޅުވެފައި ވަނީ މާލެ ސިޓީ ކައުންސިލުން މިރޭ ލޮނުޒިޔާރަތް ޕާކުގައި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މޭޔަރު އާޒިމް ވިދާޅުވީ މާލޭގެ މޭޔަރުކަމުގެ ޒިންމާއާ ހަވާލުވި ދުވަހުން ފެށިގެން ސިޓީ ކައުންސިލުގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކޮށްފައި ވާނެ ކަމަށާއި ފައިސާ ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްވުރެ ހަރުދަނާ ކޮށްފައިވާ ކަމަށެވެ.
"ވޭތުވެ ދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި މި އަހަރު ގެ ފުރަތަމަ ހަ މަސް ދުވަހު ޚަރަދުއަޅައި ބަލާއިރު، ސިޓީ ކައުންސިލު ގެ ޚަރަދުން ވަނީ 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފަ." އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވުނު ޖަލްސާގެ ތެރެއިން--- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
އާޒިމް ވިދާޅުވީ ރިކަރަންޓު ޚަރަދުން 11 މިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުން ނުވަ މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައި ވާކަމަށެވެ.
މި މުއްދަތުގެ ތެރޭގައި ފައިސާ ބެލެހެއްޓުމުގެ އެކައުންޓްސް އެންޑް ފައިނޭންސް މަސައްކަތް ހަރުދަނާކުރެވިފައި ވާނެ ކަމަށާއި މިހާރު މަސައްކަތް ކުރަމުންމިދަނީ މިއަހަރު ނިމުމުގެ ކުރިން ސިޓީ ކައުންސިލުގެ މަސައްކަތްތަށް އޮޓަމޭޓު ކުރަން ކަމަށްް އޭނާ ވިދާޅުވިއެވެ. އަދި އޭރުން ޚިދުމަތް ލަސްވުމާއި ޚިދުމަތް ހޯދުމަށް މިހާރު އަރާ އޮޅުންތަކުން ސަލާމަތްވާނެ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވުނު ޖަލްސާގެ ތެރެއިން--- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
އާޒިމް ވިދާލުވީ މާލެ ސިޓީއަކީ ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް 40 ޕަސަންޓު މީހުންނަށް ޚިދުމަތް ފޯރުކޮށްދޭން ޖެހޭ މުއައްސަސާއަކަށް ވުމުން މާލެ ސިޓީން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދުރާލާ ރާވައިގެން ކުރިޔަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ.