22 Jun 2012, 14:25
ރައްޔިތުން މަޖިލީހުގެ ސ. މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލް އެމްޑީޕީ އިން ވަކިވެޑައިގަތުމަށް ނިންމަވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އާދިލް މިއަދު ވިދާޅުވީ އަންނަ ހަފުތާގައި އެމްޑީޕީ އިން ވަކިވެޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ވަކިވެޑައިގަތުމަށް ނިންމެވީ އެ ޕާޓީގެ ކަންކަން ހިނގަމުންދާ ގޮތާ މެދު "އެއްގޮތަކަށް ވެސް" ހިތްހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށެވެ.
"ޕާޓީގެ ކަންތައްތައް ދާގޮތާ މެދު އެއްވަރަކަށް ވެސް ހިތްހަމަނުޖެހޭތީ އަޅުގަނޑު އެކަހަލަ ޑިސިޝަނެއް ނެގުމަށް މި ނިންމީ،"
އާދިލް ވިދާޅުވީ އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށާއި ނަމަވެސް ވަކި ޕާޓީއެއް އަދި ނުނިންމަވާ ކަމަށެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އާދިއްތަ ދުވަހު ޓްރޭޑާސް ހޮޓެލްގައި ބާއްވާ ރަސްމިޔާތެއްގައި އާދިލް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އާދިލް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ ގައުމީ ޕާޓީގެ ޓިކެޓްގަ އެވެ. ނަމަވެސް އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ފަހުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިފަހުން، އާދިލުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު ވަނީ އެމްޑީޕީ ދޫކުރައްވައިފަ އެވެ. އެ ބޭފުޅުންނަކީ، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމެވެ.