އިއްޒުއްދީން ސްކޫލަށް ބޮޑެތި ގެއްލުންތަކެއްވެ އެ ސްކޫލު ބަދަލުކުރުމަށް މިނިސްޓްރީން ނިންމާފައިވާތީ އެ ސްކޫލުގައި ކިޔަވަމުންދާ ކުދީންނަށް މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުވުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އިއްޒުއްދީން ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން އެ ސްކޫލުގެ ކުރިމަތީގައި ހުރި ދަރުމަވަންތަ ސްކޫލަށް ބަދަލުކުރުމަށެވެ.

ދަރުމަވަންތަ ސްކޫލުން އެ ކުދީންނަށް ޖާގަ ހަމަޖެހޭނެ ކަމަށާއި އެހެން ސްކޫލްތަކަށް ދަރިވަރުން ވައްދަން ބޭނުންވާ ބެލެނިވެރީންނަށް އެ ފުރުސަތު ހުޅުވާލާފައި ވާކަމަށް މިނިސްޓްރީން ވަނީ މިއަދު ބުނެފައެވެ.

މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޫލުގެ ދަރިވަރުން އެހެން ސްކޫލުތަކަށް ބަދަލުކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައި ވާކަމަށާއި މިނިސްޓްރީގެ "އެޑްމިޝަން ޕޯޓަލް" މެދުވެރިކޮށް ސްކޫލް ބަދަލުކުރުމަށް ފޯމު ހުށައެޅޭނެ ކަމަށެވެ.

އިއްޒުއްދީން ސްކޫލުގެ މެނޭޖްމެންޓުން ވެސް ވަނީ އެހެން ސްކޫލުތަކަށް ދަރިވަރުން ބަދަލުކުރަން ބޭނުންވާ ބެލެނެވެރިންނަށް އެ ފުރުސަތު ހުޅުވާލާފައި ވާނެ ކަމަށް ބުނެފައެވެ.

އިއްޒުއްދީން ސްކޫލުގައި ރެނދުލާފައި ހުރުމުން މިނިސްޓްރީން ވަނީ އެތަނަކީ ކުޑަކުދިން ވެއްދުމަށް ރައްކާތެރި ތަނެއްތޯ ބެލުމަށް މިދިޔަ މަހުގައި އެސެސްމެންޓްތަކެއް ހަދާފައެވެ.

އިއްޒުއްދީން ސްކޫލް ހިންގަމުން އަންނަނީ މީގެ ކުރިން، ކުރީގެ އެމްއީއެސް ހިންގަން މީގެ ތިރީހަކަށް އަހަރު ކުރިން ސަރުކާރުން ހަދައިދީފައިވާ އިމާރާތެއްގައެވެ.