ކަރަންޓު ޙަރަދުކުރުމަށް މިސްކިތްތަކުގައި ސޯލާ ޕެނެލް ހަރުކުރުމުގެ މަސައްކަތް މިހާރު އޮތީ ދިރާސާ މަރުހަލާގައި ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، އެސްއެސްޓީވީން މިރޭ ގެނެސްދިން "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ތޯރިގު ވިދާޅުވީ ރާއްޖޭގައި 600އަށް ވުރެ ގިނަ މިސްތިތް ހުންނައިރު، އޭގެތެެރެއިން ސޯލާ ހަރުކުރެވޭނީ ކޮން މިސްކިތަކެއްގައި ތޯ ބެލުމަށް މިހާރު އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ތޯރިގު އިތުރަށް ވިދާޅުވީ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ވާހަކަ ކުރީ ސަރުކާރުން ދެއްކި ނަމަވެސް، އެކަމާ ބެހޭ ރަނގަޅު ދިރާސާއެއް ނިމިދިޔަ ސަރުކާރަށް ހެދިފައިނުވާ ކަމަށެވެ.

މިރޭގެ ބާރު ހަތަރެއް ޕްރޮގްރާމްގެ ވާހަކަދައްކަވުމުން ފުނަދޫ ދާއިރާގެ މެމްބަރު މުޙައްމަދު މަމްދޫހު ވިދާޅުވީ ކަރަންޓު ޚަރަދު ކުޑަރުމަށް މިސްކިތްތަކުގައި ސޯލާ ޕެނެލް ހަރުކުރުމުގެ މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީގައި ވެސް ކުރެވިފައިވާ ކަމަށެވެ.

"މިސްކިތްތަކުގައި ކަރަންޓު ޚަރަދުކުޑަކުރުމަށް މިހާރުވެސް މިނިސްޓްރީއާއެކު މަޝްވަރާތަކެއް ކުރިއަށް އެބަ ދޭ. މި ހަފުތާ ތެރޭގައި ވެސް އެކަމާ ގުޅޭ މަޝްވަރާތަކެއް ކޮމިޓީއާ ހިއްސާކުރެވިގެން ދާނެ." މަމްދޫޙު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަަށް މުޅި ޖުމުލަ 213 ބިލު ހުށަހަޅާފައިވާއިރު އޭގެތެރެއިން، ނުވަ ބިލަކީ ތިމާވެއްޓެ ބެހޭ ބިލު ކަމަށެވެ.

މަމްދޫޙު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރާއި ހަތަރު މަސް ދުވަސްތެރޭގައި ރައީސްގެ މެނިފެސްޓޯގައި ހިމަނާފައިވާ ތިމާވެއްޓާ ބެހޭ ވައުދުތައް ފުއްދޭނެ ކަމަށެވެ.

މިސްކިތްތަކުގައި ކަރަންޓު ޚަރަދުކުޑަކުރުމަށް، ޑޮމެސްޓިކް ރޭޓުން ކަރަންޓު ޗާޖު ކުރުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.