ޕިލިޕީންސް ކުއްޖެއްގެ ތިންވަނަ އުފަންދުވަސް ފާހަގަކުރުމުގެ ޕާޓީގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވާތަން ފެންނަ ވީޑިއޯއަށް އެތައް ބައެއްގެ ތައުރީފު ލިބެންފަށައިފިއެވެ.

ރާއްޖޭގައި ދިރިއުޅޭ ޕިލިޕީންސްގެ އާއިލާއަކުން ވަނީ އެމީހުންގެ ތިން އަހަރުގެ ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީއަށް ފުލުހުންނަށް ދައުވަތު ދީފައެވެ. އަދި މި ޕާޓީއަށް ފުލުހުން ގޮސް، އެ ކުއްޖާއަށް ހަދިޔާދީ ފުލުހުންގެ ޔުނިފޯމް ލައްވާ ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ޕާޓީއަށް ދާން ކުއްޖާ ބަލާ ފުލުހުންގެ ކާރު އައިސް އޮތެވެ. އަދި ކުއްޖާއަށް ހަދިޔާއެއްދީ ފުލުހުންގެ ކުޑަ ޔުނީފޯމެއް ލައްވައެވެ. ފުލުހުން ފެނުމުން އިހުތިރާމުގެ ގޮތުން ތުއްތު ކުއްޖާ ފުލުހުންނަށް ސެލިއުޓް ކުރެއެވެ.

ދަރިފުޅަށް ތިން އަހަރު ފުރުނު އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން---- ފޮޓޯ/ އާއިލާ

ޕާޓީގައި ކޭކު ފެޅި އިރު ގިނަ އަދަދެއްގެ ފުލުހުން އަތްޖަހާ އުފާފާޅުކުރާތަން ފެނެއެވެ. ފުލުހުންގެ މޫނުމަތިން ހިނިތުންވުމާއި ހިތްހެޔޮކަން ފެންނަ އިރު، ކުޑަ ކުއްޖާ ހުރީ ހުވަފެންތައް ހަގީގަތަކަށް ވުމުން އުފާވެފައެވެ.

ފުލުހުން ކުއްޖާއާއެކު ފޮޓޯ ނަގާ އުރާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ. އަދި ކުއްޖާ ލައްވާ ވޯކީޓޮކީން ވާހަކަ ދައްކުވައެވެ.

ރާއްޖޭގައި ދިރިއުޅޭ ޕިލިޕީންސްގެ އާއިލާއަކުން މިއަދު ވަނީ އެމީހުންގެ ދަރިފުޅަށް ތިން އަހަރު ފުރުނު އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަފްލާއަށް ފުލުހުން ދިއުމުން އެކަމާ ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ.

ދަރިފުޅަށް ތިން އަހަރު ފުރުނު އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން---- ފޮޓޯ/ އާއިލާ

މި ވީޑިއޯ ހިއްސާކޮށް ފޭސްބުކްގައި އެ ކުއްޖާގެ އާއިލާއިން ކުރި ޕޯސްޓެއްގައި ވަނީ، ދަރިފުޅުގެ އުފަންދުވަހުގެ ހަފްލާއަށް ވަޑައިގެން ދެއްވި ކަމަށްޓަކައި ހުޅުމާލެ ފޭސް އެކެއްގެ ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ.

އެ އާއިލާގެ ކުޑަ ދަރިފުޅު އޭނާގެ ޚާއްސަ ދުވަހުގައި އެންމެ އުފާވެރި ކުއްޖަކަށް ހެދުމަށް ފުލުހުން ބައިވެރިވުމަކީ އެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައުވެސް ބުނެފައެވެ.

އަދި މިއަދު ފުލުހުން ކޮށްދިނީ ވަރަށް މުހިންމު ކަމެއް ކަމަށާއި ފުލުހުންނަށްޓަކާ އެ ކުޑަ ދަރިފުޅުގެ ހިތުގައި އޮތް ލޯބި ވަރަށް ބޮޑުވެއްޖެ ކަމުގައި އާއިލާއިން ވަނީ ބުނެފައެވެ.

ދަރިފުޅަށް ތިން އަހަރު ފުރުނު އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން---- ފޮޓޯ/ އާއިލާ

މީގެ އިތުރުން، އެ އާޢިލާއިން ވަނީ އެ ޕާޓީގައި ބައިވެރިވި ފުލުހުން ކުއްޖާއާމެދު އޯގާތެރިކަމާއި ރަޙްމަތްތެރިކަމާއެކު މުޢާމަލާތްކޮށްދެއްވި ކަމަށްޓަކައި ޝުކުރު އާދާކޮށްފައެވެ.

މި ވީޑިއޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. އެގޮތުން ފޭސްބުކްގައި މިހާތަނަށް 93 މީހުން އެ ވީޑިއޯ ޝެއާކޮށްފައި ވެއެވެ. އަދި މިއީ ވަރަަށް އުފާވެރި މަންޒަރެއް ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.