ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ފިރާޒް އެމަގާމުން ވަކިކޮށްފިއެވެ.

މިކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން ޕީސީބީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔަމީން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އެނާ އެ މަގާމުން ވަކިކޮށްފައި ވާކަމަށެވެ.

އެ މަގާމުން އޭނާ ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެ މަތިންނެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ވަނީ ފިރާޒުގެ މައްސަލައެއް ބަލަން ފަށާފައެވެ. ކޮމިޓީން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ސޯޝަލް މީޑިއާގައި ސަރުކާރު ޕާޓީ ޕީއެންސީއަށް ކެމްޕެއިން ކުރިކަމަށެވެ.

ޕީސީބީގެ ރައީސާއި ނައިބު ރައީސަށް ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ. ނަމަވެސް ފިރާޒު މިދިޔަ އަހަރު ޕީއެންސީއަށް ސޮއިކޮށްފައި ވާކަން މީގެ ކުރިން ބޭއްވި އެސްއޯއީ ކޮމިޓީއެއްގައި މެމްބަރުން ފާހަގަކުރެއްވިއެވެ.

ޕީސީބީން ވަކިކުރުމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފިރާޒު ވަނީ ޕީސީބީން މުސްތަގުބަލުގައި ކުރާ މަސައްކަތަށް ހެޔޮ އެދުންތައް އަރިސްކޮށްފައެވެ.

އަދި އޭނާ ވަނީ މި ސަރުކާގައި ދުވަސްކޮޅަކަށް ނަމަވެސް މަސައްކަތްކުރަން ލިބުނީތީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

ޕީސީބީގެ ބޯޑުގައި ހިމެނޭ ކޮންމެ މެންބަރަކު ވެސް މަގާމުގައި ފަސް އަހަރު ތިބެވޭނެއެވެ. އެގޮތުން ފިރާޒް މި މަގާމުގައި ހުންނަތާ މިހާތަނަށް ވަނީ ތިން އަހަރުވެފައެވެ.

ޕީސީބީގެ ބޯޑަށް މެންބަރަކު އައްޔަނުކުރައްވާ ވަކިކުރެއްވުމުގެ ބާރު ލިބިވަޑައިގަންނަވާނީ ރައީސުލްޖުމްޙޫރިއްޔާއަށެވެ.