ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހިއްސާކޮށްފައިވާ މައުލޫމާތަކާ ގުޅިގެން ހުޅުމާލެއިން ތިން ބުރީގެ އިމާރާތެއް ބަލާ ފާސްކޮށް، 22 ބިދޭސީން ރޭ އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ އަތުލައިގެންފައި ވަނީ އެތަނުގައި ކާބޯތަކެތީގެ ވިޔަފާރި ކުރާ 22 ބިދޭސީން ކަމަށެވެ. އަދި މި ތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާ ގުޅުން ހުރި ތަނެއް ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި އޮޕަރޭޝަނަކީ މިހާތަނަށް ހުޅުމާލެގައި ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ގޮތަށް އަތުލައިގަންނަ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން މި މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ވެސް 2،000އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ. އޭގެ ފަހުން ވެސް ގިނަ އަދަދެއްގެ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަނީ އަތުލައިގެންފައެވެ.

ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރުމުގައި ބިދޭސީން ހަރަކާތްތެރިވާއިރު، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ރާއްޖޭގައި ގިނައެވެ. އަދި، ބިދޭސީންގެ ބެލުމުގެ ދަށުން އެކި ކަހަލަ ވިޔަފާރިތައް ވެސް ހިންގައެވެ.