28 Jul 2024, 17:08
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ހަތް ވަނަ އިންޓަ ސުކޫލު ކިޑްސް ސްވިމިން ފެސްޓިވަލް ނިންމާލައިފިއެވެ.
މި ހަރަކާތް ހުޅުމާލެ އިންޑޯ ސްވިމިން ޕްލޫގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތުގައި 23 ސުކޫލަކުން 485 ދަރިވަރުންގެ ފެތުމުގެ ހުނަރު ދައްކާލައިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ހަ ދުވަހުގެ ނިޔަލަށް ގެންދިޔަ މި ފެސްޓިވަލްގެ މަގުސަދަކީ ކުޅިވަރުގައި ޒުވާނުންގެ ކުރިއެރުން ފާހަގަކޮށް، ޒުވާން އެތުލީޓުންނަށް ކުޅިވަރުގެ ގާބިލުކަން ހާސިލް ކުރުމަށް ބާރު އެޅުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކިޑްސް ސިވިމިން ފެސްޓިވަލް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ބީއެމްއެލް ،އިސްމާއިލް ތޯރިގް
ބީއެމްއެލްއިން އިތުރަށް ބުނީ، އުމުރުން ހަ އަހަރާއި ދިހަ އަހަރުގެ އުމުރުގެ ދަރިވަރުން ވާދަކުރީ ފްރީސްޓައިލް، ފްލައި، އިންޑިވިޖުއަލް މެޑްލީ ރޭސް ފަދަ ތަފާތު އިވެންޓުތަކުގައި ކަމަށެވެ.
ތިން ކެޓަގަރީއަކަށް ބަހާލައިގެން މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވާއިރު، ތިން ކެޓަގަރީން ވަނަ ހޯދި ސުކޫލުތަކަށާއި ދަރިވަރުންނަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ. އެގޮތުން، މެޑަލް ހަވާލުކޮށްފައި ވަނީ ކޮންމެ ކެޓަގަރީއެެއްގެ ވެސް ދެ ޖިންސު ވަކިންކަން ފާހަގަކޮށްލެވެއެވެ.