ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލެއް ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާ ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް)އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމްއެމްޕީއާރުސީން ބުނީ، މި އެއްބަސްވުމުގެ މަގުސަދަކީ ފަތުރުވެރިންނަށް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ދަމަހައްޓާ ފަތުރުވެރިންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރުކުރުވުން ކަމަށެވެ.

މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއެވެ. އަދި، އެންއެޗްޖީއޭއެމްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ނައިބު ރައީސް އަޙުމަދު ވަހީދެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެމްޕީއާރުސީ

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޝިއުރީ ވިދާޅުވީ، ކުރިއަރަމުން އަންނަ މާކެޓުތަކަށް ވަނުމަށް އެންއެޗްޖީއޭއެމްއާއެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އެންއެޗްޖީއޭއެމް ފަދަ، އިންޑަސްޓްރީގައި މުހިންމު ޕާޓްނަރުންނާ ގުޅިގެން އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް، އެކިއެކި މާކެޓުތަކުން ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުން" ޝިއުރީ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީން ބުނީ، މި އެއްބަސްވުމުގެ ދަށުން އެންއެޗްޖީއޭއެމް އިން މާކެޓިންގެ މަސައްކަތްތަކާއި ބައިވެރިން ރެކްރޫޓު ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށެވެ.

އެގޭއިތުރުން، އޭޝިއަން ޓޫރިޒަމް ފެއާފަދަ އެކިއެކި ހަރަކާތްތަކުގައި ރާއްޖެ ޕްރޮމޯޓް ކުރުމާއި ލޯކަލް އައިލެންޑު ފަތުރުވެރިކަން ކުރިއަރުވައި، ދުނިޔޭގެ އެންމެ މަތީ ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ހެދުމަށް މިއެއްބަސްވުމުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.