28 Jul 2024, 11:37
މ. މުލީގައި ބޭއްވި މުލީކޮޅު ރާޅުގަނޑު މުބާރާތުގެ މެންސް އޯޕަން ބައިގެ ޗެމްޕިއަންކަން އިސްމާއިލް ރަޝީދު (ސްމައިލީ) ހޯދައިފިއެވެ.
މި މުބާރާތަކީ ދިވެހި ސާފިން ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތެވެ. މުބާރާތުގެ މެންސް އޯޕަން ޗެމްޕިއަންކަން އިސްމާޢީލް ރަޝީދު ހޯދާފައިވަނީ ފައިނަލްގައި ޔޫސުފް ކަޔާން ހަމްދާން ޒަކީގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލު އޭނާ ކާމިޔާބުކޮށްފައިވަނީ 13:00 ގެ ސްކޯއަކުންނެވެ.

މެންސް އޯޕެން ފައިނަލް ހީޓުގައި ސްމައިލީ ތިން ރާޅެއް ދުއްވާފައިވެއެވެ. މި ތިން ރާޅުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ ސްމައިލީ ދުއްވި ދެވަނަ ރާޅާއި ތިންވަނަ ރާޅުގައެވެ. ސްމައިލީގެ ދެވަނަ ރާޅުން 7.50 ގެ ސްކޯއެއް ހޯދާފައިވާއިރު، ތިންވަނަ ރާޅުން 5.50 ގެ ސްކޯއެއް ވަނީ ހޯދާފައެވެ. މެންސް އޯޕަން ފައިނަލް ހީޓުގައި ކަޔާނަށް ލިބުނީ 11.00 ގެ ސްކޯއެކެވެ.
މީގެއިތުރުން ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުޙައްމަދު އިނާން އަބްދުލް ހަންނާނެވެ. އޭނާ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލް ހީޓުގައި ޔާސިން އަހުމަދު ނާޝިދު 10.50 ގެ ސްކޯއަކުން ބަލިކޮށްގެންނެވެ.
މި ލީގުގައި ކުރިއަށް ދެން އޮތީ ކ.ތުލުސްދޫގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 27-30 ގެ ނިޔަލަށެވެ. އެއަށްފަހު ދެން އޮންނާނީ 27 އޮކްޓޯބަރުން ފެށިގެން 2 ނޮވެމްބަރުގެ ނިޔަލަށް މާލޭގައި ކުރިއަށްދާ ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖެވެ.