އާއިލާ އާ ބެހޭ ގާނޫނު ތަންފީޒު ކުރުމުގައި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުން ލިބެން ޖެހޭ އެހީތެރިކަން ލިބުމުގައި ދަތިތަކެއް އެބަ ހުރި ކަމަށް ޑީއާރުޕީ އަންހެނުންގެ ގޮފީގެ ރައީސް އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ޑީއާރުޕީ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ ރަށްރަށުގެ ކޯޓުތައް އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން ނުދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ސަބަބުން އާއިލީ މައްސަލަތައް ކޯޓުން ނިންމުމަށް އުނދަގޫތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯޓުތަކުގައި ފާހަގަ ކުރެވިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބައެއް ރަށް ރަށުގެ ކޯޓުތަކުގައި ގާޒީން ނުތިބޭ މައްސަލަ ކަމަށާއި އެހެން ދިމާވުމުން ކޯޓު މެދުވެރިކޮށް ހަރަދު ހޯދުމަށް ގިނަ ދުވަސްތަކެއް ނަގާ ކަމަށެވެ.

"އެ ކޯޓަކުން ހަރަދުގެ ފައިސާ ނަގަން ބަލާއިރުގައި ގާޒީއަކު ނެތުމުގެ ސަބަބުން ތިން ހަތަރު މަސް ވެގެންދާއިރު ވެސް އެ ކޯޓު މެދުވެރިކޮށް ޖަމާކޮށްފައިވާ ފައިސާއެއް ނުލިބިދާ ހާލަތްތައް އެބައާދެ،" ރޮޒައިނާ ވިދާޅުވި އެވެ.

އަދި ބައެއް ފަހަރު އާއިލާއާ ބެހޭ މައްސަލަތައް ކޯޓުތަކުން ނިންމުމަށް ފަހު މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ދޫނުކޮށް ގިނަ ދުވަސްތަކެއްވާ ކަމަށާއި އޭގެ ސަބަބުން މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ވެސް ގެއްލޭކަ ކަމަށް ރޮޒައިނާ ފާހަގަ ކުރެއްވި އެވެ.

"އިސްތިއުނާފަށް ހުށަހަޅަން ޖެހޭ 90 ދުވަސް ނިމިގެންދާ އިރު ވެސް ކޯޓުން ރިޕޯޓު ނުލިނި ހުންނަ ހާލަތްތައް އެބައާދޭ. އެހެންވީމާ މިކަން ކަމާ ހެދި ވެސް މައްސަލަ ހުށަހަޅާ ފަރާތަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވަރިކޮށްފައި އިންނަ އަންހެން މީހާ އަށް ނުވަތަ އޭނާގެ ދަރިނަށް ދޭން ޖެހޭ ފައިސާ ކޯޓާ ހަވާލު ކުރުމަށް ފަހު އެ ފައިސާ ހަވާލު ނުކުރެވި ގިނަ ދުވަސްތަކެއް ވަންދެން ހުންނަ މައްސަލައަކީ ވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ފިރިހެން ބޭފުޅުން ޖެއްސެވި މައްސަލައެއް ތިމަންނަމެން ހަމަ ގަވާއިދުން މަހުގެ އެއްވަނަ ދުވަހު އަނބިމީހާ އަށް ދޭން ޖެހޭ ހަރަދު ކުދިން ބެލުމަށްޓަކައި އެބަ ކޯޓަށް ޖަމާކުރަމޭ. އެ ކޯޓަށް ގޮސް ހަވާލު ކުރަމޭ. އެހެން ނަމަވެސް އެ ފައިސާ ދަރިންގެ މައްމައަށް ހަވާލުނުވެ އެބަދެއޭ އެއް މަސް ދެ މަސް ދުވަސް ވެސް ، ތިން މަސް ދުވަސް. އެހެންވީމާ އެއީ އުނދަގޫކެމެކޭ،" އޭނާ ވިދާޅުވި އެވެ.

އާއިލާއާ ބެހޭ ގާނޫނަށް އިސްލާހުތައް ގެނައުމަށް ޑީއާރުޕީން ވަނީ ކަމާ ގުޅޭ އެކި އެކި ދާއިރާތަކުގެ ބޭފުޅުންނާ އެކު ބައްދަލުވުންތަކެއް ބާއްވަން ފައްޓައިފަ އެވެ.