28 Jul 2024, 11:26
ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ހާމިދު ޝަފީއު މިއަދު އަވަހާރަވެއްޖެއެވެ.
ހާމިދު އަވަހާރަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އާއިލާއަށް ތައުޒިޔާ ކިޔަމުން އަންނައިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ އާއިލާއަށް ތައުޒިޔާ ކިޔުއްވާފައެވެ.
އެ ގޮތުން، ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއް ކަމަށެވެ. އެ ދާއިރާއިން ހާމިދު ގައުމަށް ގިނަ ޚިދުމަތްތައް ކުރައްވާފައިވާކަން ފާހަގަކުރައްވައި، ޞާލިޙް ވަނީ މަރުހޫމަށް ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާފައެވެ.
މިކަމާ ގުޅުވައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާމިދު އަވަހާރަވީ އިންޑިއާގައި ކަމަށެވެ. ހާމިދު ޝަފީއު އަވަހާރަވީއިރު އުމުރުން 48 އަހަރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހާމިދު ރައީސް އޮފީހުގެ ސީޓީއޯގެ މަގާމަށް އައްޔަން ކުރެެއްވީ 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ގައެވެ.
ޙާމިދު އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަންގައި ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ބެޗެލާ އޮފް ސައިންސް (އޮނާސް)އިން ޑިގުރީއެއް ހާސިލު ކުރައްވާފައިވާއިރު، އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ.
ހާމިދު ވަނީ 1998އާއި 2007އާ ދެމެދު ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގައި މެނޭޖާ ޓެކްނިކަލް ސާވިސަސް ޔުނިޓް އަދި ޗީފް ނެޓްވޯކް އެޑްމިނިސްޓްރޭޓާއެއްގެ މަޤާމު ވެސް އަދާކުރައްވާފައެވެ.