ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ރައީސަށް ހަމަޖައްސަވާފައިވާ ރަސްމީ ގެކޮޅު، މުރައިދޫގެއަށް ބަދަލުވެވަޑައިގެންފިއެވެ.

މަޖިލިސް އިދާރާއިން ބުނީ، މުރައިދޫގެއަށް އަބްދުއްރަހީމް ބަދަލުވެވަޑައިގަތީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

މުރައިދޫގެއަށް ބަދަލުވެވަޑައިގަންނަވާކަން އާއްމު ކޮމިޓީއަށް އަބްދުއްރަހީމް އަންގަވާފައިވަނީ މިދިޔަ ބުދަ ދުވަހު އެ މަނިކުފާނު ފޮނުއްވި ސިޓީފުޅަކުންނެވެ.

އެ ސިޓީގައިވަނީ މުރައިދޫގޭގެ މަސައްކަތް ނިމެންވާއިރަށް އެ ތަނަށް ބޭނުންވާ މުވައްޒަފުން ހަމަޖެއްސުމުގެ ކުރިން މަގާމުތަކަށް ބައެއް ބަދަލުތައް ގެނައުމަށް އެ މަނިކުފާނު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން އެއް މަގާމުގެ ނަން ބަދަލުކުރުމަށާއި ހަތަރު މަގާމެއް އުވާލައި، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމަށް ވަނީ ކޮމިޓީއަށް ފޮނުއްވާފައެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި ގޮތަށް އެ ބަދަލުތައް ގެންނަން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ ތާއީދާއެކު އެ ދުވަހު ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅުންނަށް މުރައިދޫގެ ހަމަޖެއްސެވީ 2021 ވަނަ އަހަރު, ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީސް ރައީސްކަމުގައި ހުންނެވިއިރު އެ މަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު ގާނޫނަށް ގެނައި އިސްލާހާ އެކުއެވެ.

އޭގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސަށް އެކަންޏެވެ. ނަމަވެސް، އެ ހަމަލާއަށް ފަހު ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ގާނޫނު ވަނީ އިސްލާހުކޮށްފައެވެ.

އެ ގޮތުން، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ރަސްމީ ތަންތަނަކީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ތަނަކަށް ވާން ޖެހޭނެ ކަމަށާއި، އެ ދެ ބޭފުޅުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ތިބެންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.