އިސްލާމްއާބާދު (ޖޫން 22): ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމުގެ މަގާމަށް އެ ޤައުމުގެ ކުރީގެ ވަޒީރެއް ކަމަށްވާ މަޚްދޫމް ޝަހާބުއްދީން ކަނޑައަޅައި އޭނާގެ ނަން ޕާކިސްތާނުގެ ޕާލަމެންޓަށް ފޮނުވައިފި އެވެ.

ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ، އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ އިސް ސިޔާސީ ތަޖްރިބާކާރެއް ކަމަށްވާ މަޚްދޫމް ޝަހާބުއްދީން އައު ބޮޑުވަޒީރަކަށް ޢައްޔަންކުރެއްވީ (ޕީޕީޕީ)ގެ ކައުންސިލްގެ ބައްދަލުވުމެއްގައި ބޮޑުވަޒީރަކަށް ޝަހާބުއްދީންގެ ނަން އިޚްތިޔާރު ކުރުމުންނެވެ. ޝަހާބުއްދީން މިހާތަނަށް ހުންނެވީ މަޤާމުން ޢަޒުލުކުރެވުނު ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީގެ ކެބިނެޓްގެ ޓެކްސްޓައިލް އިންޑަސްޓްރީއާ ބެހޭ ވަޒީރުކަމުގެ މަޤާމުގަ އެވެ. ނަމަވެސް އޭގެކުރިން ޕާކިސްތާނުގެ ސިއްޙަތާ ބެހޭ ވަޒީރުކަން ވެސް އޭނާ ކުރައްވާފައިވެ އެވެ.
ޕާކިސްތާނުގެ ސްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވަޑައިގެންނެވި ކަމުގެ ކުށް ސާބިތުވެގެން އެ ގައުމުގެ ބޮޑުވަޒީރު ޔޫސުފް ރިޒާ ގިލާނީ މަގާމުން ދުރުކުރުމަށް އެކޯޓުން ޙުކުމްކުރީ މީގެ ތިން ދުވަސްކުރިންނެވެ. ސުރީމް ކޯޓުގެ އަމުރަށް ރައީސް އާސިފް ޢަލީ ޒަރުދާރީ ވަނީ ފުރިހަމައަށް ތަބާވެ ވަޑައިގެންފަ އެވެ.

ޒަރުދާރީ މިހާ ފަސޭހައިން ސުރީމް ކޯޓުގެ އަމުުރަށް ތަބާވެވަޑައިގެން އައު ބޮޑުވަޒީރަކު އިޚްތިޔާރުކުރައްވައި އޭނާ އަށް ރުހުން ހޯއްދެވުމަށް ޕާލަމެންޓަށް ފޮނުއްވީ ޒަރުދާރީ އެހެންގޮތެއް ނެތިގެން ކަމަށް ޕާކިސްތާނުގެ މަސްރަޙް ދިރާސާކުރައްވާ މުޙައްލިލުން ދެކެވަޑައިގަންނަވަ އެވެ.

ޒަރުދާރީ ވެރިކަން ކުރައްވަމުން ގެންދަވާ ގޮތުންނާއި ޕާކިސްތާނުގެ ސިފައިން އޭނާދެކެ ހިތްހަމަނުޖެހިފައިވާ އިރު އިޤްތިސާދީ ދަތިތަކާއި ޕާކިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ޒަރުދާރީ އެމެރިކާ އަށް ފުރްސަތު ދެއްވަމުން ގެންދަވާތީ އާންމު ރައްޔިތުންގެ ގިނަބަޔައެއްގެ ތާާއީދު އޭނާއަށް ގެއްލިފައިވެ އެވެ. މިފަދަ ޙާލަތެއްގައި ސުޕްރީމް ކޯޓުގެ އަމުރަށް ޒަރުދާރީ ކުޑަކޮށް ވެސް ދެކޮޅު ހައްދަވައިފި ނަމަ ސިފައިން އޭނާ މަޤާމުން ދުރުކޮށްފާނެކަމުގެ ބިރު ޒަރުދާރީ އިޙްސާސް ކުރައްވާކަމަށް މުޙައްލިލުން ދެކެ އެވެ.

ޝަހާބުއްދީނަށް ޕާލަމެންޓްގެ ރުހުންއޮތްތޯ ނުވަތަ ނޫންތޯ ބެލުމަށް ޓަކައި ޕާލަމެންޓުގެ ބައްދަލުވުމެއް މިއަދު ބާއްވާނެ އެވެ. ޕާލަމެންޓްގެ އަޣްލަބިއްޔަތު އޮތީ ވެރިކަންކުރާ ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ކަމަށްވާތީ ބޮޑުވަޒީރުކަމުގެ މަޤާމަށް އޭނާ އަށް ރުހުންލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. (އަލްޖަޒީރާ)