28 Jul 2024, 10:39
"މަދީހާއަށް އެނގޭ ދޯ ސަވާ މިރޭ ބޭރަށް ދިޔައީ އެކުވެރިއަކާ އެކީ ނޫންކަން…" މިރޭ އޭނާ ބޭރުގައި ހުއްޓާ ފެނުނު މަންޒަރު ގެ ހަނދާން އާކުރަމުން ފަތުޙީ ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން ސަވާއަށް އިތުރު ހިތްދަތިކަމެއް ލިބޭކަށް." އިރުކޮޅަކު ވިސްނަން އިނދެފައި މަދީހާ އެހެން ބުނެލީ ފަތުޙީއަށް ކަންތައްތައް ސިއްރުނުކުރެވޭނެކަން ޔަޤީންވާ ޙާލުގައެވެ. އެހެން ނޫނަސް އެއީ ސަވާގެ ބައްޕަކަމަށްވަންޏާ އެ ހަޤީޤަތް ކޮންމެވެސް ދުވަހަކުން ފަތުޙީއަށް ވެސް އެނގޭނެއެވެ.
"މަދީހާއަށް އެނގޭތަ އެއީ ކާކުކަން؟" ފަތުޙީ ސުވާލުކޮށްލިއެވެ. މަދީހާ އާއެކޭ ބުނެ ބޯ ޖަހާލިއެވެ.
"އަހަރެންގެ ދަރިފުޅު މީހަކާ އިންނައިރު، އޭނާގެ ހުރިހާ ހަޤީގަތެއް އަހަންނަށް އެނގެން ޖެހޭނެ. އެއީ ކިހާ ފެންވަރެއްގެ ކާކުކަމާ, ކީއްކުރާ މީހެއްކަން. ޚާއްސަކޮށް ނޫސްވެރިން އަހަރެމެންގެ ހުރިހާ ކަމަކަށް ކަޅި އަޅަމުން ދާއިރު." ފަތުޙީ މަދީހާއަށް ބަލާލިއެވެ.
"ސަވާގެ ހޮވުން ގޯހެއް ނޫން. ފުރިހަމަ. " މަދީހާ ބުންޏެވެ. ފަތުޙީ އޭނާއަށް ސުވާލުގެ ނަޒަރަކުން ބަލަން ފެށުމުން ހިތްވަރުކޮށްފައި މަދީހާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ތި ހުރިހާ ކަމަކާ ފަތުޙީ ކަންބޮޑުވާއިރު، ކީއްވެ މި ދިޔަ ފަސް އަހަރު އެ ކުއްޖާގެ ހިތުތެރޭގައި ހިނގަމުން ދިޔަ ހައިޖާނުގަނޑުގެ ހިލަމެއް ކުޑަކޮށްވެސް ނުވީ؟ މި ހުރިހާ ދުވަހު ސަވާ އުޅުނު ޙާލު ކީއްވެ ނުފެނުނީ. މިއަދު ސަވާއަށް އުފަލެއް ލިބުމުންވެސް ތި ބުނަނީ އެ އުފަލަށްވުރެ، އެ ފިރިހެންކުއްޖާގެ ހައިސިއްޔަތު މުހިންމޭ… އަހަންނަށް އެނގޭ ފިރިހެން ކުއްޖާ ވާން ޖެހޭނީ އަނބިމީހާ ބެލޭ މީހަކަށްކަން. އެކަމަކު ބުނަންތަ؟ ކިތަންމެ ގިނަ ފައިސާއެއް ހުއްޓަސް، އަނބިމީހާގެ އުފަލަށް އިސްކަން ނުދޭނަމަ އެ ގުޅުމެއް ފުރިހަމައެއް ނުވާނެ. ލޯތްބާއި އޯގާތެރިކަން ނުވާ ގުޅުމެއް ވަރަށް ހިތިވާނެ. އެ ގުޅުމުގައި އެއްވެސް އުފާވެރިކަމެއް ނުވާނެ! ބޭރު މީހުންނަށް އެ މީހެއްގެ ތުންފަތް މަތިން ފެންނަ ހިނިތުންވުމަކީ ދައްކާ ދަޅައަކަށް ނޫނީ ނުވާނެ! " މަދީހާ އޭނާގެ ހިތުގެ ރިހުންތައް ފަތުޙީގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ނުސީދާކޮށް މަދީހާ އެ ބަސްތައް ރައްދުކުރީ އޭނާއަށްހެން ފަތުޙީއަށް ހީވިއެވެ. މަދީހާ މީގެ ކުރިން ދުވަހަކުވެސް އެފަދަ ޝަކުވާއެއް ކޮށްފައެއް ނުވެއެވެ. އޭނާގެ ފަރާތުން މަދީހާއަށް ވަގުތު ނުދިނެއްކަމަކު، ޝަކުވާގެ އެންމެ ބަހެއްވެސް އެ ދުލުން ބޭރުކޮށްފައެއް ނުވެއެވެ. މަދީހާ ވެފައިވީ އަބަދުވެސް، އޭނާއަށް ކިޔަމަންތެރި އަނތްބަކަށެވެ. އޭނާގެ ބަހަކީ ކޮންމެ ކަމެއްގައިވެސް އެންމެ ފަހު ބަސްކަމުގައި ޤަބޫލުކުރާ އަންހެނަކަށެވެ.
"މަދީހާ ކީކޭ ބުނަން ތިއުޅެނީ؟" ފަތުޙީގެ ނަފްސު ހަރުކަށިވެގެން ދިޔައީ މަދީހާގެ މުޅިން އާ ސިފައެއް އޭނާއަށް ފެނުމުންނެވެ. އެ ބަސްތައް ހިތާ ހިސާބަށް ފޯރީ ވިހަ ގަދަ ތީރެއް ފަދައިންނެވެ. އެހާ ރުންކުރުވެފައި ފަތުޙީއަށް އެހެން އަހާލެވުނީ ވެސް އެހެންވެގެންނެވެ. މަދީހާގެ އަޑުން އޭނާއަށް މީގެ ކުރިން ފާޅުނުވާ ފަދަ އަސަރެއް ފާޅުވެގެން ދިޔައީތީއާވެސް އެކުގައެވެ.
"އަހަރެން މި ހާމަކުރީ ހަޤީޤަތް ފަތުޙީ. ސަވާއަށް އޯގާތެރިވެ، ސަވާދެކެ ލޯބިވާ މީހެއް އެ ޙަޔާތަށް މިހާރު ބޭނުންވަނީ." ފަތުޙީއަށް އެ ބަސްތައް ފަހުމްވީ ގޮތް އެނގުނު ނަމަވެސް، އެކަން ފާޅުނުކޮށްވޭތޯ މަދީހާ މަސައްކަތްކުރިއެވެ.
"ނުސީދާ ގޮތުން އަހަންނަށް ބަހުން ޖަހާލީތަ؟" އެތެރެ ހަށީގައި އުފެދުނު ހައިޖާނުގަނޑުގަޑަށް ކެތްނުކުރެވި ބޭއިޚްތިޔާރުގައި ފަތުޙީގެ ދުލުން އެބަސްތައް ނުކުތެވެ.
"އެހެން ހީވަންޏާ އެ ކަހަލަ ކަމެއް ފަތުޙީއަށް ކުރެވިފަ އޮތީތަ؟" ދޫދޭން ބޭނުން ނުވެފައި ހުރި ފަދަ ގޮތަކަށް މަދީހާއަށް ބުނެވުނެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ހިތުގެ އުދާސްތައް ބޭރުކޮށްލެވުމުން ހިތަށް ލުއިވިއެވެ. އިނދެގެން މިވީ ހާ ދުވަހު ފަތުހީގެ ފަރާތުން އޭނާއަށް ހައްޤު މިންވަރަށް އޯގާތެރިކަމާއި، އަޅާލުމާއި، ލޯބި ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ދުވަހަކުވެސް އޭނާ އެފަދަ ޝަކުވާއެއް ކޮށްފައެއް ނުވެއެވެ. ފިރިމީހާގެ އެފަދަ ކިތަންމެ ކަމެއް އޭނާ ބަރުދާސްތުކުރިއެވެ. އެހެންނަމަވެސް، އިންސާނަކަށް ކެތްކުރެވޭނީވެސް ވަކި ވަރަކަށް ތާއެވެ. އެއްޗެއް ނުބުނެ ހަނު ހުންނަން ކިތަންމެ މަސައްކަތެއް ކުރިޔަސް ހިތަށް ކެތް ނުވާވަރަށް ޝަކުވާތަކުން ހިތް ބަރުވެއްޖެނަމަ، އެ އެ ބަރުކަން އުދާސްތަކުގައި ސިފައިގައި ބޭރުވާނެއެވެ. އެއްބައިފަހަރު ކަރުނައިގެ ސިފައިގައެވެ. އަދި އަނެއްބައި ފަހަރު ދުލުން ނުކުންނަ ބަސްތަކެެއްގެ ސިފައިގައެވެ. ޖަޒުބާތުގައި ޖެޙޭ ޙާލްތަކުގައި މާޒީގެ ހިތި ހަނދާންތައް ބޭއިޚްތިޔާރުގައި އަނެކާއާ ދިމާލަށް ބުނެވެނީ އެހެންވެއެވެ. ހިތަށް ތަސައްލީއެއް ބޭނުންވާތީއެވެ. ނަފްސުގައި އެތަކެއް ދުވަހު އުފެދިފައިވާ ގިކަންވެރިކަމުގެ ދިލަ ހޫނުން ސަލާމަތް ވުމަށްޓަކައެވެ.
މަދީހާގެ ބަސްތަކަށް ދޭނެ ޖަވާބެއް ނޭނގިފައި ފަތުޙީއަށް އިނދެވުނުއިރު، އައި ރުޅިން އޭނާގެ ދެ ބުމަ ގޮށްޖެހުނެވެ. އެހާ ކެރޭ މީހަކަށް މަދީހާ ވީ ކޮން އިރަކު ހެއްޔެވެ؟ އޭނާއާ ދިމާލަށް ބަހުން ޖަހަން މަދީހާގެ އޮތީ ކޮން ހައިސިއްޔަތެއް ހެއްޔެވެ؟
"އަހަރެން މިދަނީ ތިރިއަށް ދާން. ކޮފީއެއް ފޮނުވަދެންތަ؟" ގޮނޑިން ތެދުވަމުން މަދީހާ ސުވާލުކޮށްލިއެވެ.
"ނޫން! އަހަންނަށް ހެޔޮ." މަދީހާއާ ދިމާލަށް ބަލައިލުމެއްވެސް ނެތި ފަތުޙީ ޖަވާބު ދިނެވެ.
"ސަވާއަށް އިތުބާރުކުރޭ! އޭނާގެ ޙަޔާތަށް ގޯސް ކުއްޖެއް ނުގެންނާނެ! އަދި ފަތުހީގެ އަބުރަށް ހުތުރު ވާކަހަލަ ކުއްޖެއްވެސް ނުގެންނާނެ! " އެހެން ބުނެލާފައި ފަތުޙީގެ ބަހަކަށް އިންތިޒާރު ކުރުމެއްވެސް ނެތި މަދީހާ ޓެރެސް އިން ފޭބިއެވެ. މީގެ ކުރިން ފަތުޙީގެ ކުރިމަތީގައި ދަރިންގެ ހައްޤުގައި ވާހަކަ ދައްކަން ނުކެރުނީ ކީއްވެހެއްޔެވެ؟ އެ ހިތްވަރު ނުލިބުނީ ކީއްވެހެއްޔެވެ؟ ފަތުޙީ ދެކެ ޖެހިލުންވެ ދަރިންގެ ހައްޤުތައް ނިގުލައިގެނެވުނު އިޙްސާސްތައް ހިތުތެރޭގައި ބަންޑުން ވާން ފެށުމުން މަދީހާގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ދަރިއެއްގެ އުފަލަށްޓަކާ އެފަދަ ގޮތަކަށް ފަތުޙީއާ ކުރިމަތިލާ ވާހަކަ ދެކެވުމުން އޭނާގެ ހިތަށް އުފަލެއް ލިބިފައިވެއެވެ. އިޝްފާންގެ ހައްޤުގައި އޭނާއަށް އޭރު ބަހެއް ނުބުނެވުނެވެ. އެ ދަރިފުޅުގެ އުފާތައް ބީވެގެން ދިޔައީ އޭނާގެ ކުރިމަތީގައެވެ. އެކަމުގެ ނަތީޖާ ނިކަން ދެކިބަލާށެވެ. އެ އުފާތަކުގެ ހުރަހަކަށްވެފައިވީ ފަތުޙީ ނަމަވެސް، އެ ދަރިފުޅުގެ ހިތުގައި މިއަދާ ޖެހެންދެންވެސް އޭނާއާ މެދު ވަނީ ޝަކުވާއާ ނަފްރަތެވެ. ކިތަންމެ މަސައްކަތް ކުރިނަމަވެސް، އެ ނަފްރަތުގެ އަލިފާނަށް ފެންއަޅާ ނިއްވާލެވޭ ގޮތެއް ނުވެއެވެ. އިންސާނެއްގެ ހިތުގައި މީހަކާ މެދު ނަފްރަތުކަމެއް އުފެދިއްޖެނަމަ، އެ ނަފްރަތު ލޯތްބަށް ފުރޮޅާލުމަކީ ކިހާ އުނދަގޫކަމެއްކަން މަދީހާއަށްވެސް މިއަދު އިޙްސާސްކުރެވެއެވެ. އެހެންކަމުން ދެވަނަ ފަހަރަށް އެ މާޒީ ތަކުރާރުވާކަން އޭނާ ބޭނުމެއް ނޫނެވެ. އެފަދަ ގޮތަކަށް ފަތުޙީއާ ވާހަކަ ދައްކަން ހިތްވަރު ލިބުނީވެސް އެހެންވެގެން ކަންނޭނގެއެވެ.
ސަވާ ގެއަށް އައިސް ވަތްއިރު، ގަޑިން އެގާރަ ގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. އޭނާއަށް ހައިރާންކަމެއް ލިބުނީ، މަންމަ ނުނިދާ ސޯފާގައި އިންތަން ފެނިއެވެ. ޓީވީވެސް ހުރީ ނިއްވާލާފައެވެ. ފޯނު ވެސް އޮތީ ސޯފާގެ ކުރިމަތީގައި ބަހައްޓާފައި ހުރި މޭޒުމަތީގައި ބާއްވާފައެވެ.
މަދީހާ އިންގޮތުން ހީވަނީ ބޮޑުކަމަކާ ފިކުރުބޮޑުވެފައި އިން ހެންނެވެ. ސިޓިން ރޫމުގައި ދިއްލާފައިވާ އޮރެންޖު ބޮކީގެ އަލިކަން ފިޔަވާ އިތުރު އަލިކަމެއްވެސް އެތަނުގައި ނުވެއެވެ.
"މަންމާ…" ސަވާ ގޮވާލިއެވެ.
މަދީހާއަށް ސިހުން ލިބުނީ ސަވާގެ އަޑުންނެވެ.
"ދަރިފުޅާ! އައީތަ؟" މަދީހާއަށް އަހާލެވުނެވެ.
"އާނ. އެކަމަކު މަންމަ ކިހިނެއްވެތަ ތީނީ؟ ކަމަކާ ވިސްނަނީ ދޯ؟" ސަވާ ޔަޤީންކޮށްފައި ސުވާލުކޮށްލިއެވެ.
"ނޫނޭ. ނުވިސްނަން. މިތަނުގައި އިށީނދެބަލަ!" މަދީހާ ސޯފާގައި އަތް ޖައްސާލަމުން ބުނެލިއެވެ. ސަވާ އިށީނުމާއެކު، އޭނާ ސަވާގެ އަތުގައި ހިފައްޓާލިއެވެ. އަދި ސަވާއާ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އޮތް ފަދައަކުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ދަރިފުޅުމެން ކައިވެންޏަކާ މެދު ވިސްނަންތަ އެބަ؟" ސަވާއަށް ބަލާލާފައި މަދީހާ ސުވާލުކޮށްލިއިރު، އެ އަޑުގައި ވި އަސަރުތައް ދެނެގަންނަން ސަވާ ނުކުޅެދުނެވެ.
"އާނ… " ތެދު ތެދަށް ސަވާ ބުނެލިއެވެ.
"އެހެންވިއްޔާ ބައްޕަ ކައިރީގައި ވެސް ތި ވާހަކަ ދައްކަން ވާނެއެއްނު." މަދީހާ ބުނެލިއެވެ.
"ބައްޕައަށް ކަމެއް އެނގުނީތަ؟ ނޫނީ މަންމަ ބުނީތަ؟" ސަވާގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ.
"ބައްޕައަށް މިރޭގެ މަންޒަރު ފެނުނީ…" މަދީހާ ސަވާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
"ބައްޕަ ގަބޫލު ނުވިއްޔާ…" މާޒީގައި އިޝްފާންއާ މެދު ކަންތައް ވީ ގޮތް ހަނދާނަށް އައުމާއެކު ސަވާ ނުތަނަވަސްވިއެވެ. އެހެންކަމުން އޭނާގެ އަޑުވެސް ނުކުތީ އުނދަގުލުންނެވެ.
"ރީހާން އަކީ ލޯޔަރެއް، އަމިއްލަ ބިޒްނަސް އެއް އޮވޭ. އެހެންވީމަ ބައްޕަ ގަބޫލުވާން ނުޖެހޭ ސަބަބެއް ނެތް. " މަދީހާ އޭނަ ހިފައްޓައިގެން އިން ސަވާގެ އަތަށް ބާރުކޮށްލިއެވެ. އަދި ހިނިތުންވެލިއެވެ.
"ބައްޕަގެ ޚިޔާލު ހުރި ނެތްގޮތާ މެދު ކަންބޮޑުވަނީ… ކުރިންވެސް…" ސަވާ ވާހަކަ މެދު ކަނޑާލީ ޖުމްލަތައް އަތުރާލަން އުނދަގޫވެފައިވީ ފަދައަކުންނެވެ.
"ބައްޕަ އެ ކަންތައްތަކާ މެދު ވިސްނަނީ، މި ޙާލަތުގައި ބައްޕަގެ ޤަދަރު ކުޑަވެގެން ދާ އެއްވެސް ކަމެއް ބޭނުންނުވާތީ…" ދަރިންގެ ހިތުގައި އެ ކުދިންގެ ބައްޕައާ މެދު ނަފްރަތު އުފައްދާކަށް މަދީހާ ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް، ފަތުޙީގެ އަމަލުތަކުގެ ސަބަބުން އެކުދިންގެ ހިތުގައިވެސް ކޮންމެވެސް ކިލަނބުކަމެއް އުފެދިދާނެކަމަށް އޭނާ ޤަބޫލުކުރެއެވެ.
"ވަރަށް އަވަހަށް ބައްޕަ ކައިރީގައި އެ ވާހަކަ ބުނާނަން." ސަވާ ޔަޤީންކަން ދީ، މަދީހާގެ ނުތަނަވަސްކަން ދުރުކޮށްދިނެވެ.
"ދެން އެހާ ބޮޑަށް ނުވިސްނާ ނިދާލަންދޭ… އަޅުގަނޑުވެސް މިދަނީ…" މަދީހާއަށް ހިނިތުންވުމެއް ހަދިޔާކޮށްލާފައި، ރޭގަނޑު ގެ ސަލާމްކޮށްލާފައި ސަވާ ސޯފާއިން ތެދުވުމާއެކު މަދީހާވެސް ތެދުވިއެވެ. ސަވާ ގޮސް ސިޑިން އަރާތަން ބަލަން ހުރެފައި މަދީހާވެސް ގޮސް ކޮޓަރިއަށް ވަނެވެ. ސަވާގެ އެ ހިނިތުންވުން އަބަދުމެ އެ ތުންފަތްމަތީގައި ދެމިހުރުމަކީ އޭނާގެ އުންމީދެވެ. އެތައް އަހަރަކަށް ފަހު ފެނުނު އެ ހިނިތުންވުން ދެވަނަ ފަހަރަށް ބީވެދާތަން ބަލާކަށް އޭނާއަކަށް ކުޅަދާނައެއް ނުވާނެއެވެ.
*****
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ލޯންޗަށް ސަވާ ދިޔައީ ޑްރައިވަރާ އެކުގައެވެ. ލޯންޗަށް އަރާ ހަމަޖެހިލާފައި އޭނާ މަދީހާއަށް ގުޅާލިއެވެ.
"ލޯންޗަށް އެރީ މީ މިހާރު." ސަވާ ބުނެލިއެވެ.
"ދެވުނީމަ މަންމައަށް ހަބަރެއް ވައްޗޭ!" އެހެން ބުނެލާފައި މަދީހާ ފޯނު ބޭއްވިއެވެ.
ކަނޑު މަޑު ދުވަހެއްކަމުން، ލޯންޗު އޭގެ އެންމެ ބާރު ސްޕީޑުގައި ކަނޑުގެ ލޮނުގަނޑު ކަފަމުން ދުއްވަމުން ދިޔައެވެ. ސަވާ އިނީ ބޭރު ބަލަހައްޓައިގެންނެވެ. ދުރުދުރަށް ދާންދެން ފެތުރިފައިވާ ކަނޑުގެ ލޮނުގަނޑާ، ފެންނަމުން ދިޔަ ކުދި ކުދި ރަށްތައް މަންޒަރަށް ފުރިހަމަކަމެއް ގެނެސްދެއެވެ. ދޭތެރެ ދޭތެރެއިން ފޯނަށް ނަޒަރު ހުއްޓާލިނަމަވެސް، ދަތުރު ފެށުނީއްސުރެ ސަވާ އިނީ އެ މަންޒަރަށް ބަލާށެވެ. ޤުދުރަތުގެ ފުރިހަމަކަން އޭނާގެ ހިތަށް ތަސައްވަރު ކޮށްލެވުނު ވަގުތުކޮޅެކެވެ. މިފަދަ ތަނެއްގައި، އުޅުމުގެ ނަސީބު ލިބުނުކަމާމެދު ޝުކުރުވެރި ވެވުނު ހިނދުކޮޅެކެވެ.
ރަށަށް އާދެވުމާއެކު، ލޯންޗުން ފައިބާ އެންމެ ފުރަތަމަވެސް ސަވާގެ ގެ މަޤްސަދަކަށްވީ ރަށުގެ ސިއްޙީ މަރުކަޒު ހޯދުމެވެ.
"އެކްސް ކިއުޒް މީ…" އެތަނުގައި ހުރި ޒުވާން އަންހެން ކުއްޖަކަށް ގޮވާލަމުން ސަވާ ސުވާލުކޮށްލިއެވެ. އެ ކުއްޖާ ދާންވީ މަގު ކިޔައިދިނުމާއެކު ހިނގައިގަންނަމުން އޭނާ ފޯނުން މެޕު ވެސް ހުޅުވާލިއެވެ.
ސިއްޚީ މަރުކަޒު ހޯދުމަށް މާ އުނދަގުލެއް ނުވިއެވެ. އެތެރެއަށް ވަދެލާފައި ކައުންޓަރުގައި އިން އަންހެން ކުއްޖާގެ ގާތުގައި އިޝްފާންގެ ވާހަކަ ސަވާ އަހާލިއެވެ.
ޖަވާބު ލިބުމުން އޭނާ ގޮސް ވޯރޑަށް ވަތް އިރު އިޝްފާން ނޫނީ އިތުރު މީހަކު ނެތެވެ.
ސަވާ ފެނުމާއެކު އިޝްފާން ހިނިތުންވެލިއެވެ. ކޮނޑުގައި އަޅުވާލާފައި އޮތް ދަބަސް ފެނުމާއެކު، ރަށަށް އެއައީ ދެންމެކަންވެސް އިޝްފާންއަށް އެނގުނެވެ.
"ހީކުރީ މެންދުރުކަމަށް އަންނާނީ." އިޝްފާން ތެދުވެ އިށީނދެލިއެވެ.
"މިހާރު ކިހިނެއް؟" ހިނިތުންވެލަމުން ސަވާ ސުވާލުކޮށްލިއެވެ.
"ކުޑަކޮށް ރަނގަޅު ކަންނޭނގެ. އެކަމަކު ވަރަށް ވަރުބަލި، ލޭގެ ޓެސްޓްތަށް ހަދާފަ ބުނީ އިންފެކްޝަންއޭ…" އިޝްފާން އޮޅުން ފިލުވައިދިނެވެ.
"ދޮންތަ ދެން ގެއަށް ގޮސް ރެސްޓްކޮށްލައިގެން އާދޭ." އިޝްފާން އެދުނެވެ.
"އެއްޗެއް ކައިފިންތަ؟" ސަވާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން އިޝްފާން ދެފަރާތަށް ބޯ ހޫރާލިއެވެ.
"ގޭގަ ކައްކާނެ އެއްޗެހި ހުންނާނެތަ؟" އިޝްފާންއަށް ކާއެއްޗެއް ހަދައިގެން ގެނެސްދިނުމުގެ ޚިޔާލާއެކު ސަވާ އަހާލިއެވެ.
"ބައެއް އެއްޗެހި." އެހެން ބުނެލާފައި ގެ ހުންތަނާއި ފިހާރަ ހުންނަ ތަން އިޝްފާން ކިޔައިދިނެވެ. އިޝްފާންއާ އިރުކޮޅަކު ވާހަކަ ދައްކާލާފައި ސަވާ ދިޔައީ އޯކިޑް ވިލާއަށެވެ. އޭނާ ގޮސް ގެއަށް ވަދެފައި ފުރަތަމަވެސް ކޮޓަރިއަށް ވަދެ ދަބަސް ބަހައްޓާލިއެވެ. އެއަށްފަހު، ނުކުމެ ބަދިގެއަށް ވަނެވެ. މުޅިންވެސް ހުރީ ކޮފީއާ ބިސްކޯދު ކަހަލަ އެއްޗިއްސެވެ. ބަދިގެ ތެރޭގެ ތަރުތީބުކަންވެސް ވަނީ ގެއްލިފައެވެ. އެހެންކަމުން ސަވާ، ފުރަތަމަ ބަދިގެ ތެރެ ސާފުކޮށްލާފައި ގޭތެރެ ކުނި ކަހާލިއެވެ.
***
ޒައިނާ ބަދިގެ މަސައްކަތް ނިންލާފައި ގޯތިތެރެއަށް ނުކުމެލީ އިޝްފާން ފެނިދާނެ ކަމުގެ އުންމީދުގައެވެެ. ތިން ދުވަސް ވީއިރުވެސް އިޝްފާން ނުފެންނާތީ އިޝްފާން އެ ރަށުން ފުރައިގެން ދިޔައީބާއޭ ވެސް ޒައިނާގެ ހިތަށް އެރިއެވެ. އެކަމާ ހުރެ އޭނާގެ ހިތަށް އުނދަގޫވެ ނުތަނަވަސްކަމުން މުޅި ނަފްސު ހިޞާރުކުރަމުން ދިޔައެވެ. އިޝްފާން ނުފެނުމުން އޭނާއަށް އުނދަގޫވަނީއެވެ. ޤަބޫލުކުރަން ބޭނުން ނޫނަސް އިޝްފާންގެ އެ ސޫރަ ފެނުމަށް ބޭޤަރާރުވަނީއެވެ. ހިތަށް ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނު ނަމަވެސ،ް އެ ހިތް ނުކިޔަމަންތެރިކަމާއެކު ޖަދަލުކުރަނީއެވެ. ހިތުގެ މުރާދު ހާސިލްކުރުމަށް ތެޅިފޮޅެނީއެވެ. އެންމެ ފަހުން ކެތް ނުކުރެވުމުން ދެ ދުވަހެއްގެ މަތިން ގޮސް އެގޭ ދޮރުގައި ޓަކިވެސް ޒައިނާ ޖެހިއެވެ. އެހެންނަމަވެސް އިޝްފާންގެ ހަބަރެއް ނުވެއެވެ.
އެހިތަށް އުފާވެރިކަން ގެނުވީ މިއަދު އެގޭގެ، ކުޑަ ދޮރު ހުޅުވާފައި ހުރިތަން ފެނުމުންނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ޒައިނާ އެ ގޭ ދޮރުގައި ޓަކި ޖަހާލިއެވެ. އޭރު އޭނާގެ ހިތް ދިޔައީ އިންތިހާއަށް ތެޅެމުންނެވެ. ކީއްވެކަމެއް ނޭނގެއެވެ. މީހާ ފިނިވާގޮތްވިއެވެ.
ލަސްތަކެއްނުވެ ދޮރު ހުޅުވައިފިއެވެ.
"އިޝް…" ޒައިނާގެ ބަސްހުއްޓުނީ ދޮރު ހުޅުވާލި އަންހެން ކުއްޖާ ފެނިފައެވެ. އެއާއެކު އޭނާ ގެ ހަރަކާތްވެސް ހުއްޓިއްޖެއެވެ.
(ނުނިމޭ)