މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން އދ. ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ، ޔޫއެންއާރްޑަބްލިޔުއޭގެ ގާތްގަޑަކަށް 200 މުވައްޒަފުން މަރާލާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

"މީގެ ގާތްގަނޑަކަށް 10 މަސް ކުރިން ޣައްޒާގައި ހަނގުރާމަ ފެށުނުއިރު، މިހާ ބައިވަރު މީހުން މަރުވެދާނެ ކަމަކަށް އެއްވެސް މީހަކު ހިޔެއް ވެސް ނުކުރޭ. ޔޫއެންއާރުޑަބްލިއުއޭގެ ޓީމްގެ ގާތްގަނޑަކަށް 200 މެންބަރުން ޣައްޒާގައި މަރާލާފައިވޭ،" އެކްސްގައި އާންމުކުރި ބަޔާނެއްގައި ޔޫއެންއާރްޑަބްލިޔުއޭގެ ވެރިޔާ ފިލިޕް ލަޒާރިނީ ވިދާޅުވިއެވެ.

"މިއީ އަދަދުތަކެއް ނޫން. މިއީ އަޅުގަނޑުމެންގެ ރައްޓެހިންނާއި އެކުގައި މަސައްކަތްކޮށްފައިވާ މީހުން. މިއީ އދ އުފެދުނު ފަހުން އެއް ހަމަނުޖެހުމެއްގައި އެންމެ ގިނަ މީހުން މަރުވި ފުރަތަމަ ހަމަނުޖެހުން،" ލަޒާރިނީ އިތުރަށް ވިދާޅުވިއެވެ.

ލަޒާރިނީ ވަނީ އެއިން ކޮންމެ މަރެއްގެ ޒިންމާ އުފުލުވުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލަށް ގޮވައިލައްވައިފައެވެ.

ޣައްޒާއަށް ހަނގުރާމައަށް ގާތްގަޑަކަށް 10 މަސް ދުވަސް ވެފައިވާއިރު، އިސްރާއީލުގެ ހަމަލާތައް އަދިވެސް އަންނަނީ ވަރުގަދަކުރަމުންނެވެ.

އިސްރާއީލުގެ ލާއިންސާނި އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 39،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަނގުރާމައިގެ ސަބަބުން ކާނާއާއި ފެން އަދި ބޭސް ފަރުވާފަދަ ޒަރޫރީ ބޭނުންތައް ފުއްދާނެ ގޮތެއް ވެސް ޣައްޒާގެ އާންމުންނަށް ލިބިފައެއް ނެތެވެ.