ދުނިޔޭގެ ކުޅިވަރުގައި ކޮންމެ އެތުލީޓަކު ވެސް އެންމެ ބޮޑަށް ދެކޭނެ އެއް ހުވަފެނަކީ އޮލިމްޕިކްސްއަށް ކޮލިފައިވެ ގައުމު ތަމްސީލުކޮށްދިނުމެވެ. އެ ފުރުސަތު މީގެކުރިން ރާއްޖެއަށް ލިބެމުން އައީ ކޮލިފައިނުވާ ކުޅުންތެރިންނަށް ދޭ ފުރުސަތުތަކުގެ ތެރެއިންނެވެ.

ނަމަވެސް ފްރާންސްގެ ޕެރިހުގައި ފެށި އޮލިމްޕިކްސްގެ ކުޅިވަރު އީދުގައި ރާއްޖޭގެ އުމުރުން 16 އަހަރުގެ ތަރި ފާތިމަތު ދީމާ އަލީ އެ ވާދަކުރީ ދެކުނު އޭޝިއާގެ ކޮލިފައިން ބުރުގައި ސަރަހައްދީ ގައުމުތަކެއް ފަހަތަށް ޖައްސާލުމަށްފަހު އެވެ. ޓްރައިޕާޓައިޓް ނުވަތަ ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބުނު ފުރުސަތަކުން ނޫނެވެ. މުބާރާތަށް ކޮލިފައިވެގެން އެ ތަމްސީލުކޮށްދިނީ ދިވެހި ރާއްޖެއެވެ.

ތާރީޚީ މި ފެނިލުމުގައި ދީމާ ވާދަކޮށްފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅުނު ޕްރީލިމިނަރީ ބުރުގައެވެ. ޕޮލެންޑުގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ ކަޓާޒީނާ އަތުން ދީމާ ބަލިވި ނަމަވެސް މިއީ ދީމާގެ ކުޅިވަރު ހަޔާތުގައި މިހާތަނަށް ކުރިމަތިލި އެންމެ ބޮޑު މުބާރާތެވެ. ސަބަބަކީ ދީމާގެ އުމުރާއި، ތަޖުރިބާއާ ބަލާއިރު ކެރިއަރުގެ މިހިސާބުގައި ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޮޑު ކާމިޔާބީއަކަށް ވާތީއެވެ.

ދީމާ އަތުން ކަޓާޒީނާ މޮޅުވީ ސީދާ ހަތަރު ސެޓުންނެވެ. ފުރަތަމަ ދެ ސެޓު ނިމުނީ 11-5، 11-5 ކަޓާޒީނާ ކުރީގައި އޮވެގެންނެވެ. ތިންވަނަ ސެޓުގައި ދީމާއަށް ލިބުނީ ދެ ޕޮއިންޓެވެ. މި ސެޓު ކަޓާޒީނާ ކާމިޔާބުކުރީ 11-2 އިންނެވެ. އެންމެ ވާދަވެރިކޮށް ދީމާ ފެނުނީ ފަހު ސެޓުގައެވެ. މި ސެޓުގައި ދީމާގެ ހިތްވަރު ވަރަށް ރަނގަޅަށް ފެނިގެންދިޔަ އެވެ. މި ސެޓުގައި ޖުމްލަ 8 ޕޮއިންޓު ދީމާ ހޯދިއެވެ. ސެޓު ނިމުނީ 11-08 އިން ކަޓާޒީނާ ކާމިިޔާބުކޮށްގެންނެވެ.

މެޗު ނިމުނުތަނާ އެންމެ ބޮޑު ހިތްވަރެއް ދެއްވި އެކަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ތިޔަ ހިތްވަރާއި، މޮޅު ކުޅުމަށް މުޅި ގައުމު ފަހުރުވެރިވާ" ކަމަށެވެ. މިއީ މުޅި ކުޅިވަރު އާއިލާއާއި މުޅި ދިވެހި ގައުމުވެސް ދީމާގެ ފަހަތުގައި ތިބިކަމުގެ އެއް ހެއްކެކެވެ.

މިހިސާބުން ދީމާއަށް މި މުބާރާތް ނިމުނީއެވެ. ނަމަވެސް ދިވެހިންގެ އުއްމީދުތަކާއި ހުވަފެންތަކުގައި ދީމާ އެ ކުރަހާލަދިނީ އުންމީދެވެ. ދިވެހިންނަށް މިކަން ވާނެކަމެވެ. ހުރިހާ ދިވެހިންގެ ދެން އޮތް އުންމީދަކީ އޮލިމްޕިކްސް އިން ރާއްޖެއަށް މެޑަލްއެއް ލިބޭނެ ދުވަހެކެވެ. ދީމާވެސް އެންމެ ދެކެން ބޭނުންވަނީ އެ ދުވަހެވެ. ﷲ ގެ އިރާދަފުޅުން އެ ދުވަސް މާ ދުރަކު ނެތެވެ.